މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ކާލޯސް ކަސެމީރޯ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

ކަސެމީރޯ ވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އަންނަ ޖޫން މަހު ކްލަބް ދޫކޮށްލާނެކަން މިދިޔަ ޖެނުއަރީ މަހު އިއުލާން ކޮށްފަ އެވެ. އޭނާގެ ކޮންޓްރެކްޓުގައިވާ ގޮތަށް އިތުރު އެއް އަހަރު ކްލަބުގައި މަޑުކުރަން އިހުތިޔާރު ކުރުމަށް ސަޕޯޓަރުން ގޮވާލާފައިވެ އެވެ.

ޔުނައިޓެޑުން ކަސެމީރޯ އިތުރު އެއް އަހަރު ކްލަބްގައި މަޑުކުރުވަން މަސައްކަތް ކުރާ ކަމަށް މީޑީއާތަކުގައި މީގެ ކުރިން ރިޕޯޓް ކުރި ނަމަވެސް ޔުނައިޓެޑްގެ ވެރިން އޭނާގެ ބަދަލުގައި ކްލަބަށް އިތުރު ކުޅުންތެރިން ހޯދަން މަސައްކަތް ފަށާފައިވުމާ އެކު، އޭނާ އިތުރަށް ކްލަބުގައި މަޑުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

"އަހަރެން އަދިވެސް [މެންޗެސްޓާގައި] މި ހުރީ އުފަލުން. އެކަމަކު އަހަރެންނަށް ހީވަނީ މިހާރު އަހަރެން ނިންމި ގޮތް ހާމަވެއްޖެހެން. ސަޕޯޓަރުން އަހަރެންނާ މެދު ދެކެނީ ވަރަށް ގާތްކޮށް،" ކަސެމީރޯއާ ހަވާލާދީ ދަ އެތުލެޓިކް އިން ރިޕޯޓް ކޮށްފައިވެ އެވެ.

"އެކަމަކު އަހަރެން އަދިވެސް ގަބޫލު ކުރަނީ މިއޮތީ ގޮތް ނިމިފައި ކަމަށް. އަހަރެން މިވަގުތު މި ހުރީ އުފަލުން. އަހަރެން މެންޗެސްޓާ ޔުނައިޓެޑްގައި ކުޅޭ ފަހު މެޗުތަކުގައި ކުރިއަށް އޮތީ އުނދަގޫ އަދި ޖަޒުބާތީ ދުވަސްތަކެއް."

ކަސެމީރޯ ދެކޭ ގޮތުގައި  މައިކަލް ކެރިކް ކޯޗުކަމާ ހަވާލުވެ، މިދިޔަ މަދު ދުވަސްކޮޅުގައި އޭނާގެ ފަރާތުން ކްލަބަށާއި ކުޅުމަށް ވެސް ވަނީ ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފަ އެވެ.

"މައިކަލް [ކެރިކް] އަކީ އަހަރެން ދަނޑުމަތީ ކުޅޭ މަގާމުގައި ސްޕެޝަލިސްޓެއް. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ އަބަދުވެސް ކުޅުންތެރިންނާ ވާހަކަ ދައްކާ، އެހެންވެ މުޅި ޓީމަށް ވެސް އެހާ ފަސޭހައީ،" ކަސެމީރޯ ބުންޏެވެ.

"އަހަރެންނަށް ހީވަނީ ކްލަބް މި ދަނީ ރަނގަޅު މިސްރާބަކަށް ހެން. މިހާރު ކުލަބުގައި އަހަރެންގެ އަމާޒަކީ އަލުން ޗެމްޕިއަންސް ލީގަށް މި ޓީމް ކޮލިފައި ކޮށްދިނުން."

ރެއާލް މެޑްރިޑާ އެކު، ކާމިޔާބު ނުވަ ސީޒަނަށް ފަހު ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެއީ ޔުނައިޓެޑްގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި އޮތް ދުވަސްވަރެކެވެ. ޔުނައިޓެޑާ އެކު ކަސެމީރޯ ވަނީ 2023 ވަނަ އަހަރު އީއެފްއެލް ކަޕް ކާމިޔާބު ކޮށްފަ އެވެ.