އިންގްލެންޑުގެ ކުރީގެ އެއް ވަނަ ފޯވާޑް މައިކަލް އޮވެންއާ އެކު އަވާނީ ފަރެސް މޯލްޑިވްސް ރިޒޯޓުގައި މި އަހަރު ވެސް ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގެންދާ މި ކޭމްޕުގައި 30 އަށް ވުރެ ކުދިން ބައިވެރިވެ އެވެ. ރިޒޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަރާތްތަކަށް ހާއްސަ ނަމަވެސް، މި ކޭމްޕުން ދިވެހި ކުދިންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. އަދި އޮވެންއާ އެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެ ސެޝަންތައް ބޭއްވުމުގައި ދިވެހި ކޯޗުން ބައިވެރިވެ އެވެ.

މި ކޭމްޕުގެ ސެޝަންތަކުގައި ކުދިންގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުން ފަދަ ކުޅިވަރުން ކުރިއަށް ދިއުމަށް ބޭނުންވާ މުހިއްމު ކަންކަން އަށަގަންނުވާނެ އެވެ.

އަވާނީ ފަރެސް އިން ބުނީ މިދިޔަ އަހަރުގެ ކާމިޔާބަށް ފަހު މި އަހަރު ވެސް މި ކޭމްޕް ބާއްވައި މިއީ އެ ރިޒޯޓުގެ މުހިއްމު ސަގާފަތެއްގެ ގޮތުގައި ހެދުމަށް ނިންމީ ކަމަށެވެ.

އޮވެން ވެސް ބުނީ މި ކޭމްޕް މި އަހަރު ވެސް ކުރިއަށް ގެންދަން ނިންމުމަކީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ.

"ފުރަތަމަ އަހަރުގެ ކޭމްޕުން ފެނިގެންދިޔަ ފޯރި އާއި ޖޯޝަށްފަހު، އަވާނީ ފަރެސް މޯލްޑިވްސްއަށް އެނބުރި އައުމަށް އަހަރެން ބޭނުންވި. މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ ކުދިންގެ ހުނަރު ތަރައްގީކުރުމާއި، އިތުބާރު ބޮޑުކުރުން. އެކަމަކު އެންމެ މުހިންމު ކަމެއްގެ ގޮތުން ކުރިއަށް ގެންދަނީ އެންމެން ގުޅިގެން ކުޅިވަރުގެ އުފާ ހޯދުން،" އޮވެން ބުންޏެވެ.

އިންގްލެންޑުގެ ލިވަޕޫލާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެފައިވާ އޮވެން ވަނީ ވޯލްޑް ކަޕުގައި އިންގްލެންޑް ތަމްސީލްކޮށްފަ އެވެ. އަދި 2001 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ވެސް ހޯދި އެވެ. އޭނާ އަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އެކުލަވާލި "ފީފާ 100" ލިސްޓުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

ރާއްޖޭގައި ވަރަށް ގިނަ ރިޒޯޓްތަކުން އަންނަނީ ކުރީގެ ކުޅުންތެރިން ގެނެސް ފުޓްބޯޅައިގެ އިތުރުން ޓެނިސް ކޭމްޕްތައް ބާއްވަމުންނެވެ. އެގޮތުން ނެދަލެންޑްސްގެ ލެޖެންޑް ކްލަރެންސް ސީޑޯފާއި، އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް، އަދި އޮސްޓްރޭލިއާގެ ކުރީގެ ފޯވާޑް ޓިމް ކޭހިލްގެ ކޭމްޕްތަކެއް ވަނީ ބާއްވައިފަ އެވެ.