ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާޟް ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން އާއި އިންޑިއާގެ ފޯވާޑް އޮމަންގް ޑޯޑަމް އަށް ލިބިއްޖެ އެވެ.

ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ތިން ލަނޑު ޖަހައިފަ އެވެ.

އިލާން، ގުރޫޕް ސްޓޭޖުގައި ސްރީލަންކާ ކޮޅަށް ދެ ގޯލު ޖެހި އިރު، ގުރޫޕް ސްޓޭޖު ފަހު މެޗުގައި ނޭޕާލް ކޮޅަށް ވެސް ވަނީ ގޯލު ޖަހައިފަ އެވެ.

މިއީ ސާފްގެ އުމުރުފުރާގެ މުބާރާތަކުން ރާއްޖޭގެ ކުޅުންތެރިއެއް އިންޑިވިޖުއަލް އެވޯޑެއް ހޯދި ފުރަތަމަ ފަހަރެވެ.

ޑޯޑަމް ވަނީ ގުރޫޕް ސްޓޭޖުގައި ޕާކިސްތާން ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. އެއަށް ފަހު އޭނާ ވަނީ ސެމީ ފައިނަލް މެޗުގައި ބޫޓާން ކޮޅަށް އިންޑިއާގެ ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މިރޭގެ ފައިނަލް މެޗުގައި އިންޑިއާ، ބަންގްލަދޭޝް އަތުން ޕެނަލްޓީގައި ބަލިވީ، 4-3 އިންނެވެ.

ޝޫޓައުޓްގައި ޑޯޑަމްގެ ޕެނަލްޓީ ނާކާމިޔާބު ވިއަސް އޭނާއަށް ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފަ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު  ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ޑޯޑަމް އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބަންގްލަދޭޝްގެ މުހައްމަދު އިސްމާއިލް މާހިން އެވެ.

މުބާރާތުގެ ފެއާޕްލޭ އެވޯޑް ލިބުނީ ރާއްޖެއަށެވެ.