މެންޗެސްޓާ (އޭޕްރީލް 5) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ 4-0 އިން ލިވަޕޫލް ބަލިކުރި މެޗުގައި ކުޅުންތެރިން ތިބީ މާ އަވަހަށް ބަލި ގަބޫލު ކޮށްގެން ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
ސިޓީގެ އާލިން ހާލަންޑް ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އޭނާ ސިޓީއަށް ލީޑު ނަގައިދިނީ 39 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން އިތުރު ވަގުތުގައި ދެވަނަ ގޯލު ޖެހި އިރު، ސިޓީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޖަހައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
"ފުރަތަމަ 35 މިނިޓުގައި އަހަރެންނަށް ފެނުނީ ރަނގަޅު ކުޅުމެއް. ބޯޅައާ އެކު އަދި ބޯޅަ ނެތި ވެސް އަހަރެމެން ރަނގަޅަށް ކުޅުނިން. އެކަމަކު ޕެނަލްޓީ ލިބުނު ފަހުން ދިޔަ ވިއްސަކަށް މިނިޓުގެ ކުޅުން ދިޔައީ އަހަރފެމެންގެ ފެންވަރުގެ ކުޅުމެއް ނޫން،" ސިޓީން ލީޑު ނެގި އިރު ވެސް ލިވަޕޫލަށް މެޗު ނެގިދާނެ ކަމަށް ގަބޫލުކުރި ކަން ހާމަ ކުރަމުން ސްލޮޓް ބުންޏެވެ.
"ގައިމު ވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނިޓުގައި އަހަރެމެން ތިބީ ހިތްވަރު އެލުވާލައިގެން. އެއަށް ފަހު ދެން ފެނުނީ ދެ ޓީމުގެ ފަރާތުން ވެސް މި ސްކޯގައި ނިންމާލަން ހިފާލާފައި ތިބި ފަދަ އާދައިގެ ކުޅުމެއް."
ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި ނާކާމިޔާބު ވެފަ އެވެ. މެޗުގެ 65 ވަނަ މިނިޓުގައި މުހައްމަދު ސަލާހު ފޮނުވާޅި ޕެނަލްޓީ، ސިޓީގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑް ވަނީ ދިފާއު ކޮށްފަ އެވެ.
ލިވަޕޫލްގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮޒްލައި ވެސް ވަނީ ކުޅުންތެރިން ތިބީ މާ ބޮޑަށް މާޔޫސް ވެފައިކަމަށް ބުނެފަ އެވެ.
"ވާދަވެރިކަމުގެ ރޫހެއް ނެތް އެއްވެސް ވަރަކަށް. މެންޓަލީ ވަރަށް ދަށް ކޮށް ފެނުނީ. މެޗަށް ފޯކަސް ކުރަން ވާ ވަރަށް އަހަރެމެންގެ ތެރޭން އެކަކަށް ވެސް ފޯކަސް އެއް ނުކުރެވުނު،" ސޮބޮޒްލައި ބުންޏެވެ.
މިއާ އެކު ލިވަޕޫލަށް ވަނީ އެ ޓީމު މި ސީޒަންގައި ތައްޓެއް ހޯދަން ކުރާ މަސައްކަތް އިތުރު ކުރަން ޖެހިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނައިގައި އެ ޓީމު އޮތް އިރު، ބާކީ އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.