މިއުނިކް (އޭޕްރީލް 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބެޔާން މިއުނިކް ނުކުންނަ މެޗުގެ ކުރިން، އަނިޔާގައި ހުރި އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ފައިގެ ކުޑަހުށަށް ދިމާވި އަނިޔާއަކާ ގުޅިގެން އިންޓަނޭޝަނަލް ބްރޭކުގައި އިންގްލެންޑް ކުޅުނު މެޗުތައް ގެއްލުނު ކޭން ވަނީ، ސްޕެއިނަށް ބަޔާން ފުރުމުގެ ކުރިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބެޔާން ކުޅުނު މެޗުގައި އަނިޔާއާ ގުޅިގެން ކޭން ކުޅެފައެއް ނުވެ އެވެ. ނަމަވެސް އަލުން ފަރިތަކުރުންތަކުގައި ބައިވެރިވެ، އޭނާގެ މަސައްކަތާ މެދު ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް ރެއާލާ ދެކޮޅަށް އޭނާ ބޭނުންކުރެވޭނެ ކަމާމެދު ކޯޗު ސީދާ ޖަވާބެއް ނުދެ އެވެ.
"މިއަދު [ހޯމަ ދުވަހު] ފަރިތަކުރުންތަކުގައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި، އެއީ މުހިއްމު ކަމެއް. އޭނާގެ ފޯމު އެއްވެސް ވަރަކަށް ދަށްވިހެނެއް އަހަރެންނަކަށް ހިޔެއް ނުވޭ،" ކޮމްޕެނީ ބުންޏެވެ.
"ކޭންއަށް އެނގޭ މި މެޗުގެ [ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ] މުހިއްމުކަން. އެކަމަކު ކޮންމެ ކުޅުންތެރިއަކާ މެދުވެސް ގޮތް ނިންމަން ޖެހޭ. އަހަރެން ހަގީގަތުގައި ވަރަށް ގަޔާވޭ ކޭންއާ ބެހޭގޮތުން ސުވާލު ކުރާތީ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް އެކަމަކު އަހަރެން ތިޔަށް ޖަވާބު ދޭކަށް ނެތިން."
ކޭން ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް މި ސީޒަނުގައި 10 ގޯލު ޖަހައިފަ އެވެ. އަދި ޖަރުމަން ބުންޑެސްލިގާގައި އޭނާ މިހާތަނަށް 31 ގޯލު ޖަހާފަައިވެ އެވެ.
ކޭންއާ ގުޅޭގޮތުން ބެޔާންގެ ޔޯޝޫއާ ކިމިކް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކޭން ޓީމުގައި ހުރުމަކީ އުފަލެއް ކަަށާއި އޭނާ އަކީ ޓީމަށް ކާމިޔާބު ހޯދައިދޭން ބުރަކޮށް މަސައްކަތް ކުރާ ލީޑަރެއް ކަމަށެވެ.
"އޭނާއަކީ ލީޑަރެއް، އޭނާއަބަދު ވެސް މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައިދޭން. މިއީ އެޓޭކިން ކުޅުންްތެރިއެއްގެ ހުންނަން ވާނެ ވިސްނުމަކީ ވެސް. އޭނާ ދަނޑުމަތީގައި ހުރުމަކީ ވެސް އަހަރެމެންނަށް ވަރަށް މުހިއްމު ކަމެއް،" ކިމިކް ބުންޏެވެ.
ބެޔާނާއި ރެއާލް ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގު މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ރެއާލްގެ ދަނޑުގަ އެވެ.