ލަންޑަން (އޭޕްރީލް 7) - އަނިޔާގައި ތިބި އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް އާއި ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި އަނިޔާވެގެން ރައިސް ވަނީ އިނގިރޭސި ގައުމީ ޓީމުން ވަކިވެފަ އެވެ. މިއާއެކު އޭނާއަށް ވަނީ އާސެނަލް އެންމެ ފަހުން ސައުތެމްޓަނާ ވާދަކޮށް އެފްއޭ ކަޕުން ކެޓި މެޗު ގެއްލިފަ އެވެ.

ޑިފެންޑަރު ގެބްރިއެލް އަށް އަނިޔާވީ ސައުތެމްޓަން މެޗުގަ އެވެ. އެ މެޗުގައި އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ސައުތެމްޓަނާ ދެކޮޅަށް އެފްއޭ ކަޕްގައި އާސެނަލް ކުޅުނު މެޗުގައި ޑިފެންޑަރު ގެބްރިއެލް.-- ފޮޓޯ: އޭއެފްޕީ
ސައުތެމްޓަނާ ދެކޮޅަށް އެފްއޭ ކަޕްގައި އާސެނަލް ކުޅުނު މެޗުގައި ޑިފެންޑަރު ގެބްރިއެލް.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅެން އެ ގައުމަށް ފުރުމުގެ ކުރިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި މި ދެ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އަނިޔާގައި ހުރި ބެލްޖިއަމްގެ ވިންގާ ލިއަންޑްރޯ ޓްރޮސާޑް ވެސް ވަނީ އާސެނަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް ބްރޭކުގައި އިނގިރޭސި ސްކޮޑުން ވަކިވި ބުކަޔޯ ސަކާ އަދިވެސް ހުރީ އަނިޔާގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް މިރޭ ކުއާޓާގެ ފުރަތަމަ ލެގަށް ނުކުންނާނީ ޖެހިޖެހިގެން ތިން ބަލިން ސަލާމަތްވުމަށެވެ. ސައުތެމްޓަން އަތުން ބަލިވެ އެފްއޭ ކަޕުން ކެޓުމުގެ ކުރިން އެ ޓީމު ވަނީ ލީގު ކަޕް ފައިނަލްގައި މެންޗެސްޓާ ސިޓީ އަތްދަށުވެފަ އެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް ސިޓީ އަށް ވުރެ ނުވަ ޕޮއިންޓް ކުރީގައި އޮތް އާސެނަލް އަންނަނީ 2003/2004 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުންނެވެ. ޗެމްޕިއަންސް ލީގު މެޗަށް ފަހު ހަފުތާ ބަންދުގައި އަމިއްލަ ދަނޑުގައި ބޯންމަތާ ދެކޮޅަށް އާސެނަލް ނުކުންނާނެ އެވެ. ލީގުގައި އެ ޓީމަށް ބާކީ އޮތީ ހަތް މެޗެވެ.