ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހަދަމުންދާ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް ނިންމުމަށްޓަކައި، ބީއެމްއެލުން 70 މިލިއަން ރުފިޔާގެ ލޯނެއް ނަގަން މޯލްޑިވްސް އެކުއަޓިކްސް އިން ނިންމައިފަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ނަން، މިހާރު ވަނީ މޯލްޑިވްސް އެކުއަޓިކްސް އަށް ބަދަލުކޮށްފަ އެވެ. އެއީ ދުނިޔޭގެ ފެޑެރޭޝަން، ވޯލްޑް އެކުއަޓިކްސްގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ގެނައި ބަދަލެކެވެ.
އެކުއަޓިކްސް އިން ވަނީ މި އަހަރަށް 97 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އޭގެ ތެރެއިން 71 މިލިއަން ރުފިޔާއަކީ ބީއެމްއެލް އިން ނަގާ ލޯނެވެ.
އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ، 10 އަހަރުގެ މުއްދަތަކަށް ބަހާލައިގެން، އިންސްޓޯލްމަންޓް އުސޫލުން އަނބުރާ ދައްކާ ގޮތަށް ނަގާ މި ލޯނަށް ބީއެމްއެލްގެ ބޯޑުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ނަގާ އެންމެ ބޮޑު ލޯނެވެ. އިސްމާއީލް ވިދާޅުވި ގޮތުގައި މި ލޯނު ބީއެމްއެލުން އެޕްރޫވް ކުރީ، ލޯނު އަނބުރާ ދައްކަން އެސޯސިއޭޝަނުން ފައިސާ ހޯދާނެ ގޮތްތަކަށް ބެލުމަށް ފަހު އެވެ.
އޭނާ ވިދާޅުވީ ސްވިމިން ޕޫލް ކޮމްޕްލެކްސްގައި ތަރައްގީ ކުރާ ކޮމާޝަލް އޭރިއާއިން ލިބޭ އާމްދަނީން ލޯނު ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯނު އެޕްރޫވް ކުރުމުގެ މަރުހަލާގައި ބީއެމްއެލްގެ އޮފިޝަލުން ވަނީ ކޮންސްޓްރަކްޝަން ސައިޓަށް ޒިޔާރަތްކޮށް، ތަން ބަލައިފަ އެވެ.
"ކޮންސްޓްރަކްޝަން ސައިޓަށް އެ މީހުން ޒިޔާރަތްކޮށް މަސައްކަތް ހިނގަމުންދާ ސްޕީޑާއި މި ހުރިހާ އެއްޗަކަށް ބަލާފައި ލޯނު އެޕްރޫވް ކުރީ ވެސް،" އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލޯނުގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ސްވިމިން ޕޫލްގައި އަޅާ 40 މީޓަރުގެ ބޮޑު ފުރާޅު ހެދުމަށެވެ. މި ފުރާޅުގެ ހާއްސަ ކަމަކީ، ފުރާޅުގެ ދަށުގައި އެއްވެސް ތަނބެއް ނުހުންނާނެ ގޮތަށް ފަރުމާކޮށްފައި ވުމެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ އިސްމާއީލް ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ޕޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އޭނާ ވިދާޅުވީ އެފަދަ ފުރާޅެއް އެޅޭނެ ތަޖުރިބާ ހުރި ދިވެހި ކުންފުންޏެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ފުރާޅެއް އެޅޭނެ ވަރުގެ ދިވެހި ކުންފުންޏެއް އެޅޭނެ ތަޖުރިބާ ހުރި ދިވެހި ކުންފުންޏެއް ނެތް ކަމަށެވެ.
ފުރާޅު ޑިޒައިން ކުރުމަށާއި އެ މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް ބިޑަށް ހުޅުވާލުމުން ޗައިނާގެ ތިން ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
"މިހާރު ކުރިއަށްދަނީ އެންމެ އެކަށީގެންވާ އަގަކަށް އަދި އަޅުގަނޑުމެންގެ ކްރައިޓީރިއާ އަށް ފެތޭނެ ގޮތަށް އެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައެޅުމުގެ މަޝްވަރާތައް. އެ ކުންފުނިތަކާ އެކަމާ ވާހަކަ ދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޕޫލްގެ އޮނިގަނޑުގެ މަސައްކަތް ކުރީ ބޭރުގެ ކުންފުންޏަކުންނެވެ. މީގެ ކުރިން "މިހާރު" އަށް އިސްމާއީލް ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރި ބޭރުގެ ކުންފުންޏަކީ ވޯލްޑް އެކުއަޓިކްސް އިން އެޕްރޫވް ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރު މަސައްކަތް ނިންމައި ބޭނުން ކުރެވޭ ވަރަށް ހުޅުވުމަކީ އެންމެ ބޮޑު އުއްމީދު ކަމަށެވެ.
ރާއްޖޭގައި އޮލިމްޕިކްސް މިންގަނޑަށް އިމާރާތް ކުރާ ފުރަތަމަ ސްވިމިން ޕޫލްގެ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ ވިޔާފާރި ވެރިޔާ ޗަމްޕާ ހުސައިން އަފީފެވެ.