ސިއްހީ ހާލަތު ތަންނުދޭތީ މިދިޔަ ހަފުތާގައި ރޫމޭނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ވަކިވި މީރްޗާ ލޫޗެސްކޫ ހާޓްއެޓޭކެއް ޖެހިގެން އުމުރުން 80 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ލޫޗެސްކޫ ހާލު ދެރަވެ މީގެ 10 ދުވަސް ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކުރީ، އެކުވެރިކަމުގެ މެޗެއްގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅެން ރޫމޭނިއާ ޓީމު ތައްޔާރުކުރަމުން ދަނިކޮށެވެ. ހިތުގެ ހިނގުމުގެ މައްސަލަތަކެއް އުޅޭތީ އެކަމަށް ފަރުވާ ދިނުމަށް ފަހު މިދިޔަ ހުކުރު ދުވަހު އޮތީ ދޫކޮށްލާ ގޮތަށެވެ. އެކަމަކު އެ ދުވަހު ހާޓްއެޓޭކެއް ޖެހުނީ އެވެ.
އޭނާ ރޫމޭނިއާ އަށް ކޯޗުކޮށްދިން އެންމެ ފަހު މެޗަކީ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުގެ ސެމީ ފައިނަލުގައި މިދިޔަ މަހު ތުރުކީ އަތުން 1-0 އިން ބަލިވި މެޗެވެ. ރޫމޭނިއާ ކޯޗުކަމާ ދެ ވަނަ ފަހަރަށް، 2024 ވަނަ އަހަރު ހަވާލުވި ލޫޗެސްކޫގެ އެންމެ ބޮޑު އުއްމީދަކަށް ވެފައި އޮތީ 1998 ގެ ފަހުން އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމެވެ.
އޭނާ އެންމެ ފުރަތަމަ ރޫމޭނިއާ އަށް ކޯޗުކޮށްދިނީ 1981-1986 އަށެވެ. އެ މުއްދަތުގައި އޭނާވީ އެ ޓީމު 1984 ގެ ޔޫރޯ އަށް ކޮލިފައިކޮށްދީފަ އެވެ. އެއީ އެ ގައުމު ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ރޫމޭނިއާ ފުޓްބޯޅައިގެ އެންމެ ފަހުރުވެރި އެކަކުގެ މަރާ އެކު އެ ގައުމުގެ އިސްވެރިންނާއި، އާއްމުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.
ލޫޗެސްކޫ އަކީ ކުރީގެ މޮޅު ކުޅުންތެރިޔެކެވެ. އޭނާ ވަނީ 1970ގެ ވޯލްޑް ކަޕުގައި ވާދަކުރި ރޫމޭނިއާ ޓީމުގެ ކެޕްޓަންކަންކޮށްފަ އެވެ.
1979 ގައި ފެށި ކޯޗިން ކެރިއަރުގައި ވަނީ އިޓަލީގެ އިންޓަ މިލާނާއި، ތުރުކީގެ ގަލަތަސަރާއީ އާއި ބެސިކްޓަސް، އަދި ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގާއި، ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އާއި، ޝަކްތާ ޑޮނެސްޓްކް ފަދަ ޓީމުތަކަށް ކޯޗުކޮށްދީ 30 އަށް ވުރެ ގިނަ ތަށި ހޯދައިފަ އެވެ.