ބާލިން (އޭޕްރީލް 12) - ޖަރުމަން ބުންޑެސްލިގާގައި ފިރިހެން ޓީމެއްގެ ހެޑް ކޯޗަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި އެވެ.

ޔޫނިއަން ބާލިންގެ ކޯޗުގެ މަގާމުގައި ހުރި ސްޓެފަން ބޯމްގާޓް މަގާމުން ވަކިކުރުމަށް ފަހު، އެ މަގާމަށް ހަމަޖެއްސީ މަރީ ލޫއީޒް އެޓާ އެވެ.

ދަށް ޑިވިޝަންތަކުގައި މީގެ ކުރިން ވެސް އަންހެން ކޯޗުން ވަނީ ފިރިހެން ޓީމުތަކުގައި ހަރަކާތްތެރި ވެފަ އެވެ. ނަމަވެސް މިއީ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި އަންހެން ކޯޗެއް ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ.

މަރީ ލޫއީޒް އެޓާ ވަނީ 2023 ގައި ޔޫނިއަން ބާލިންގެ ކޯޗިން ޓީމާ ގުޅިފަ،-- ފޮޓޯ: އޭއެފްޕީ
މަރީ ލޫއީޒް އެޓާ ވަނީ 2023 ގައި ޔޫނިއަން ބާލިންގެ ކޯޗިން ޓީމާ ގުޅިފަ،-- ފޮޓޯ: އޭއެފްޕީ

އުމުރުން 34 ގެ އެޓާ އަންނަނީ 2023 އިން ފެށިގެން އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ފުރަމުންނެވެެ. އަދި 2024 ގައި އޭނާ ވަނީ އޭރު އެ ޓީމުގެ ކޯޗުކަމުގައި ހުރި ނީނާޑް ބިޔެލިކާ ތިން މެޗަށް ސަސްޕެންޑް ކުރުމުން ވެސް ޓީމަށް އިރުޝާދު ދީފަ އެވެ.

ނަމަވެސް މިހާރު އޭނާ އަށް ވަނީ މި ސީޒަން ނިމެންދެން ވަގުތީ ގޮތުން އެ ޓީމުގެ ހެޑް ކޯޗުކަން ހަވާލު ކޮށްފަ އެވެ.

"މި ޗެލެންޖިން މަސައްކަތަށް ކުލަބުން އަހަރެންނަށް އިތުބާރު ކުރުމަކީ ބޮޑު ހިތްހަމަޖެހުމެއް،" އެޓާ ބުންޏެވެ

ޔޫނިއަން ބާލިން މި ވަގުތު އޮތީ ބުންޑެސްލިގާ ތާވަލްގެ 11 ވަނައިގަ އެވެ. ބޯމްގާޓް މަގާމުން ވަކިކުރީ، ތާވަލްގެ ފުލުގައި އޮތް ހޮފެއިންހެމް އަތުން އިއްޔެ 3-1 އިން އެ ޓީމު ބަލިވުމުންނެވެ. މި ސީޒަންގައި ޔޫނިއަން ބާލިން އަށް ބާކީ އޮތީ ފަސް މެޗެވެ.

ޔޫނިއަން ބާލިންގެ ކޯޗުކަމުން ވަކިކުރި ބޯމްގާޓް.-- ފޮޓޯ: އޭއެފްޕީ
ޔޫނިއަން ބާލިންގެ ކޯޗުކަމުން ވަކިކުރި ބޯމްގާޓް.-- ފޮޓޯ: އޭއެފްޕީ

އެންމެ 26 އަހަރުގައި ކުޅުން ހުއްޓާލި އެޓާ ވަނީ އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާ އެކު، އެ އުމުރުފުރާގެ އަންހެން ޔޫރޯ ޗެމްޕިއަންޝިޕް ދެ ފަހަރު ކުޅެފަ އެވެ. ޔޫނިއަން ބާލިންގެ ކޯޗިން ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ޖަރުމަންގެ 15 އަހަރާއި 17 އަހަރު އަދި 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމަށް ކޯޗު ކޮށްދީފަ އެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ މަރީ ލޫއީޒް އެޓާ، އަަންނަ ސީޒަންގައި އަހަރެމެންގެ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން، ވަގުތީ ގޮތުން މި މަގާމާ ހަވާލުވާން އެއްބަސް ވުމުން،" ޔޫނިއަން ބާލިންގެ ސްޕޯޓިން ޑިރެކްޓަރު ހޯސްޓް ހެލްޓް ބުންޏެވެ.

އެޓާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ބުންޑެސްލިގާ ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.