މާޒިޔާއާ އެކު، މިދިޔަ ހަތް އަހަރު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

ހަމްޕު، 31، އެކަން އިއުލާންކުރީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށެވެ.

ހަމްޕު ބުނީ އޭނާގެ ކެރިއަރުގައި އާދެވިފައިވާ ހިސާބަށް ވާސިލުވުމުގައި މާޒިޔާ ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށާއި އެ ކްލަބަކީ އޭނާގެ "ސެކަންޑް ހޯމް" ކަމަށެވެ. ފުރަތަމަ ދުވަހުން ފެށިގެން މާޒިޔާގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން ބެހެއްޓި ގާތްކަމާއި ފޯރުކޮށްދިން އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރި އެވެ.

"މި ދަތުރުގައި ކުލަބްގެ މެނޭޖްމަންޓާއި ކޯޗުން ފޯރުކޮށްދިން އެހީތެރިކަމާއި އަހަރެންނަށް މަގު ދައްކައިދޭން ކުރި ހުރިހާ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން،" ހަމްޕު އަށް އިތުބާރުކޮށް މާޒިޔާ އިން އޭނާއަށް ހޯދައިދިން ފުރުސަތުތަކަށް ވެސް ޝުކުރު އަދާކުރަމުން ބުންޏެވެ.

"މި ކުލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީ ވެސް އެހާމެ ހާއްސަ ފަހުރުވެރިވާ ފަދަ ވަގުތުތަކެއް. މި ކުލަބަށް އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ޖާގައެއް އޮންނާނެ."

ބ. އޭދަފުށްޓަށް އުފަން ހަމްޕު މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު، ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައިވާ ހަމްޕު ފުރަތަމަ ޑިވިޝަނަށް ތައާރަފުވީ 2014 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އެ ކްލަބާ ގުޅުމުގެ ކުރިން އޭނާ ފުރަތަމަ ބައިވެރިވާން ފެށީ މާޒިޔާގެ ފަރިތަކުރުންތަކުގަ އެވެ.

ނަމަވެސް މާޒިޔާ އަށް ވުރެ ކުރިން ނިއު އިން އޭނާގެ ސޮއި ހޯދީ އެވެ. ހަމްޕު ވަނީ ނިއުއާ އެކު ހެދި ފަސް އަހަރުގެ ކޮންޓްރެކްޓުގެ ދަށުން 2018 ގެ ނިޔަލަށް އެ ކްލަބަށް ކުޅެދީ، ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.