މާލޭގެ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި އިމާރާތް ކުރާ ގައުމީ ސާފިން ސްޓޭޑިއަމްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި ކުރިން އެތަން ހަދަން ހަމަޖެހިފައި އޮތީ "ޕްރީ-ފެބްރިކޭޓެޑް" ނުވަތަ ދަގަނޑުން އޮނިގަނޑެއް ރާވައިގެންނެވެ. އެކަމަކު އެ ތަނަށް ލޮނުގެ އަސަރުކޮށް ދަގަނޑުން ހަދާ އިމާރާތުގެ އުމުރު ކުރުވާނެކަމަށް ބެލެވޭތީ މިހާރު ކޮންކްރީޓުން އެތަން އިމާރާތް ކުރާ ގޮތަށް ކުރެހުމަށް ބަދަލު ގެނެސްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ސާފިންގް އެސޯސިއޭޝަނާއި ބޮޑީބޯޑިންގް އެސޯސިއޭޝަނާ މަޝްވަރާކުރުމަށް ފަހު އެވެ.
"އެތަނަކީ މެއިންޓެނަންސް ކޯސްޓް ވަރަށް ހައިވެގެންދާނެ ތަނެއް އެއީ، އެތަނުގައި މެޓަލް ނޫނީ އެކަހަލަ އެއްޗެއް ވެއްޖެއްޔާ އެއީ އެތަނުގައި ސީ ސްޕްރޭ [ލޮނުގެ އަސަރު] ވަރަށް ހައިވެގެންދާނެ. އެހެންވީމަ ޓެކްނިކަލް ބޭފުޅުން ވެސް ފަހުން ސަޖެސްޓް ކުރެއްވީ ކޮންކްރީޓް ސްޓްރަކްޗާއަކަށް ދިއުމޭ އޭގަ އެންމެ ބޮޑަށް ރަނގަޅީ،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބަދަލާ އެކު އިތުރަށް 50 ފޫޓް ބޮޑުވެސް ވާނެ ކަމަށެވެ. ގެނައި މި ބަދަލުތަކުގެ ސަބަބުން މަސައްކަތް ފެށުމުގައި ކުޑަ ލަސްތަކެއް ކުރިމަތިވި ނަމަވެސް، މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
"މިހާރު އެވަނީ ކޮންޓްރެކްޓާއާ ވެސް ހަވާލުކުރެވިފައި. އަދި ނިންމަން ޖެހޭ ޓައިމްލައިނަކަށް ވެސް ބަދަލެއް ނާދޭ،" ރާފިއު ވިދާޅުވި އެވެ.
ސާފިން ސްޓޭޑިއަމް އިމާރާތް ކުރުމުގެ މަސައްކަތް، އެންމެ ފުރަތަމަ ހަވާލު ކުރީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާ އެވެ.
އެ ކުންފުންޏަކީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕލެކްސްގައި އޮތް ސްވިމިން ޕޫލާއި، އެ ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ޓެނިސް ކޮންޕްލެކްސްގެ މަސައްކަތް ވެސް ކުރިއަށްގެންދަނީ އެ ކުންފުނިންނެވެ.
އެ ކުންފުންނާ އޭރު އެ މަސައްކަތް ހަވާލު ކުރީ ކޮންޓްެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުނީގެ ހަރަދުގައި އެކަން ކުރާ ގޮތަށެވެ. ނަމަވެސް މަސައްަކަތް ހަވާލު ކުރިތާ ތިންމަސްވީ އިރު ވެސް އެ މަސައްކަތަށް ބޭނުންވާ ފައިސާ އެ ކުންފުންނަށް ހޯދޭ ގޮތް ނުވުމުން، މަސައްކަތް ދޫކޮށްލި އެވެ.
މިހާރު އެ މަސައްކަތް ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އޮމެންޓޯއިންނެވެ. އެ ކުންފުމި ވެސް އެ ސްތޭޑިއަމް އިމާރާތް ކުރަނީ ކޮންޓރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ސާފިން ސްޓޭޑިއަމް އިމާރާތްކުރަން، ކުރިން ބްރިޖް ވިއުއެއްގެ ގޮތުގައި ބޭނުން ކުރި ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ފަހުކޮޅު ފެށި އެވެ.