ބީނޯސް އޭރީޒް، އާޖެންޓީނާ (އޭޕްރިލް 11) - އާޖެންޓީނާގެ ކޯޗު ކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފައިވާ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ފާއިތުވި ތިން އަހަރު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން ތެރޭގައި ގިނަ މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އަދި ބައެއް ކުޅުންތެރިން ވަނީ މީޑިއާގައި ވެސް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފާޑުކިޔައިފަ އެވެ. އެހެން ނަމަވެސް މިދިޔަ މަހު އޮތް އިންތިހާބަށް ފަހު އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ އިސްލާހުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ތެރެއިން ފުރަތަމަ މަސައްކަތަކީ ކޯޗު ބައުޒާ މަގާމުން ދުރު ކުރުމެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕީއާ ވިދާޅުވީ ބައުޒާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިިންމާފައިވާ ކަމަށެވެ.
"ބައުޒާއާ އަހަރެމެން ވާހަކަ ދައްކައިފިން. އޭނާ އަކީ މިހާރު އާޖެންޓީނާގެ ކޯޗެއް ނޫން. އެއްބަސްވުން އުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދަނީ،" ޓަޕިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާޖެންޓީނާ އަށް ވަރަށް އަވަހަށް އާ ކޯޗަކު ހަމަޖައްސާނެ ކަމަށާއި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބައުޒާ މަގާމުން ދުރުކުރީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިނުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވަނިކޮށެވެ. އާޖެންޓީނާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިނުވެދިޔައީ 1970 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި އެ ޓީމުން ވާދަކުރި އެވެ.
މިދިޔަ މަހު ކޮލިފައިންގައި ބޮލިވިއާ އަތުންވި ބައްޔާ އެކު ދެކުނު އެެމެރިކާ ކޮލިފައިން ތާވަލުގެ ފަސް ވަނަ އަށް އާޖެންޓީނާ ވަނީ ވެއްޓިފަ އެވެ. ދެކުނު އެމެރިކާ ފަޅިން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
ކޮލިފައިންގައި ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން އާޖެންޓީނާ އިން ތިން މެޗު ކުޅެން ޖެހެނީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ނުލަ އެވެ. އެއީ ޗިލީއާ ދެކޮޅަށް މިދިޔަ މަހު އާޖެންޓީނާ ކުޅުނު މެޗުގައި އެސިސްޓަންޓް ރެފްރީ އަށް ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުން ހަތަރު މެޗަށް އޭނާ ސަސްޕެންޑް ކޮށްފައިވާތީ އެވެ.
މެސީ ސަސްޕެންޝަނުގައި ހުއްޓައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބޮލިވިއާ އަތުންވީ ބައްޔެވެ. ދެން ކުޅެން ޖެހޭ ތިން މެޗަކީ ރަށުން ބޭރުގައި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އާއި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ.
މެސީ ނުލައި އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.