ދުބާއީ (އޭޕްރީލް 23) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރު، އޭޝިއާގެ ދެވަނަ ފަންތީގެ ފުޓްބޯޅަ މުބާރާޓް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އައް ނަސްރު ވަނީ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ގަތަރުގެ ދޯހާއަށް ނިސްބަތްވާ އަލް އަހްލީއާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ.
މި މެޗުގައި ރޮނާލްޑޯގެ ލަނޑެއް ނުފެނެ އެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ އަހްލީ އެވެ. ކުރިން ޕީއެސްޖީއަށް ކުޅުނު ފްރާންސަށް އުފަން ފޯވާޑް ސެކޫ ޔަސާނޭ 10 ވަނަ މިނިޓުގައި ނަގައިދިން ލީޑު ހިފަހައްޓާލެވުނީ ދެ މިނިޓެވެ. ނަސްރަށް އެއްވަރު ކޮށްދިނީ، މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކް ހެދި ކިންގްސްލީ ކޯމަން އެވެ. ދެން ލަނޑު ޖެހީ 2024 ގައި ޗެލްސީން ދޫކޮށްލި ބްރެޒިލްގެ އެންޖެލޯ ގެބްރިއެލް އާއި، ރޮނާލްޑޯގެ ބަދަލުގައި ފަހު 10 މިނިޓަށް ކުޅެން އެރި ސައުދީ ގައުމީ ޓީމުގެ ފޯވާޑް އަބްދުﷲ އަލް ހަމްދާން އެވެ.
އަހްލީން ލީޑު ނެގުމުގެ ދެ މިނިޓު ކުރިން ލިބުނު ޕެނަލްޓީއެއް ހޫލިއަން ޑްރެޒްލާ ފޮނުވާލުމުން ވަނީ ނާކާމިޔާބު ވެފަ އެވެ.
ފައިނަލްގައި އައް ނަސްރު ނުކުންނާނީ 4-0 ގެ އެގްރިގޭޓަކުން ތައިލެންޑްގެ ބެންކޮކް ޔުނައިޓެޑް ބަލި ކުރި ޖަޕާންގެ ގަމްބާ އޮސާކާ އެވެ. ބެންކޮކް ޔުނައިޓެޑް 1-0 އިން ފުރަތަމަ ލެގު ކާމިޔާބު ކުރި ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައިވާ ގަމްބާ އޮސާކާ ވަނީ ފަހު ލެގުގައި 3-0 އިން މޮޅުވެފަ އެވެ.
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން، އޭއެފްސީ ވަނީ ދެ ލެގު އުސޫލުން ކުރިއަށް ގެންދާ މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން، އޭޝިއާގެ ހުޅަނގު ރީޖަންގެ މެޗުތައް އެއް ލެގަށް ކުޅެން ނިންމައިފަ އެވެ. އެގޮތުން މި ރީޖަންގެ މެޗުތައް ކުޅުނީ ދުބާއީގެ ޒަބީލް ސްޓޭޑީއަމްގަ އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލް މެޗު ކުޅޭނީ ސައުދީ އަރަބިއްޔާގައި، ނަސްރުގެ ހޯމް ސްޓޭޑީއަމް ކަމަށްވާ އައްވަލް ޕާކުގަ އެވެ.
މި މެޗަށް ނުކުތުމުގެ ކުރިން އައް ނަސްރު، ސައުދީ ލީގުގެ ހަތަރު މެޗު ކުޅޭނެ އެވެ. މި ހަތަރު މެޗު ކާމިޔާބު ކޮށްގެން ބާކީ އެއް މެޗު އޮއްވައި އައް ނަސްރަށް ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ވާނެ އެވެ. މި ވަގުތު އައް ނަސްރު އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި އޮތީ ދެވަނައިގައި އޮތް އަލް ހިލާލަށް ވުުރެ އަށް ޕޮއިންޓް ކުރީގަ އެވެ.