ގަޑިއިރަށް ވުރެ އަވަހަށް މެރަތަންއެއް ނިންމި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފު  ސަބަސްޓިއަން ސާވޭ ހޯދައިފި އެވެ. 

އިއްޔެ ބޭއްވި ލަންޑަން މެރަތަންގައި އޭނާ ވަނީ 1:59:30 (1 ގަޑިއިރާއި 59 މިނެޓް 30 ސިކުންތު ރޭސް ނިންމައިފަ އެވެ. 

ޖުމުލަ 42.195 ކިލޯމީޓަރުގެ އެ ރޭހުން ދެވަނަ ހޯދި އިތިއޯޕިއާގެ ޔޯމިފް ކެޖެލްޗާ ވެސް ވަނީ ދެ ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމާފަ އެވެ. އޭނާ ރޭސް ނިންމީ 1:59:41 އިންނެވެ. ތިންވަނައަށް ދިޔަ ޔުގެންޑާގެ ޖޭކޮބް ކިޕްލީމޯ ރޭސް ނިންމީ 2:02:28 އިންނެވެ.

"އަހަރެން ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން. ސަބަބަކީ ދެވަނަ ފަހަރަށް ލަންޑަނަށް އައުމަކީ އަހަންނަށް ވަރަށް މުހިންމު ކަމަކަށް ވީތީ. އެހާ ރަނގަޅަށް ތައްޔާރުވީ ވެސް އެހެންވެ،" ކާމިޔާބަށް ފަހު ސާވޭ ބުންޏެވެ.

އަންހެނުންގެ ބައިން އެއްވަނަ ހޯދީ އިތިއޯޕިއާގެ ތިގްސްޓް އަސެފާ އެވެ. އޭނާ ވަނީ 2:15:41 އިން ރޭސް ނިންމައި، އޭނާ އަތުގައި އޮތް ލަންޑަން މެރަތަންގެ ރެކޯޑު އާކޮށްފަ އެވެ. އަންހެނުންގެ ރޭހުގެ ދެވަނަ ކެންޔާގެ ހެލެން އޯބިރީ ހޯދިއިރު، ތިންވަނަ ލިބުނީ ކެންޔާގެ ޖޮއިސިލިން ޖެޕްކޮސްގޭ އަށެވެ. މި ދެ ދުވުންތެރިންގެ ދެމެދުގައި އޮތީ އެންމެ ސިކުންތެއްގެ ކުޑަ ފަރަގެކެވެ.