ބީއެމްއެލް ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހއ. ދިއްދޫ ހޯދައިފި އެވެ.

ބާކީ އެއް މެޗު އޮއްވައި ދިއްދޫ ޗެމްޕިއަންކަން ޔަގީން ކުރީ، މިއަދު ހަވީރު ހއ. ހަނިމާދޫގައި ފަހަތުން އަރައި 2-1 އިން އެ ޓީމު ބަލި ކޮށްގެންނެވެ. ހަނިމާދޫން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އިރު ދިއްދޫ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

ޗެމްޕިއަން ޓައިޓަލްއާ އެކު ދިއްދުއަށް ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފުން ޖާގަ ޔަގީން ވެފަ އެވެ.

އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ޕްލޭއޮފް ކުޅޭނެ އެވެ. ދިއްދޫގެ އިތުރުން، މާލޭގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްޕަބް ވަނީ ޕްލޭއޮފުން ފުރުސަތު ހޯދައިފަ އެވެ.

އަނެއް ދެ ޖާގަ ލިބޭނީ ސެންޓްރަލް އާއި ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަނުންނަށެވެ. ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.

ލީގު މެޗެއްގައި ގޯލު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ދިއްދޫ ސްޕޯޓްސް
ލީގު މެޗެއްގައި ގޯލު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ދިއްދޫ ސްޕޯޓްސް

ދިއްދޫން، ވަނީ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 2-1 އިން، ފުޓްބޯޅައިގެ މަޝްހޫރު ބ. އޭދަފުށި ބަލި ކުރި އެވެ. ދެވަނަ މެޗުގައި ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ހަނިމާދޫ ބަލި ކޮށްފަ އެވެ. ތިންވަނަ މެޗުގައި މަނަދޫގައި ކުޅެ އެ ޓީމު ބަލި ކުރީ 2-0 އިންނެވެ. އަދި އަމިއްލަ ދަނޑުގައި ވަނީ 3-0 އިން މަނަދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދާ މި ލީގުގައި ދިއްދުއަށް ބާކީ އޮތީ އޭދަފުށީގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

ހަތަރު ޓީމު ވާދަ ކުރާ ލީގުގައި ދިއްދޫ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ހަނިމާދޫ އަށް ލިބިފައި ވަނީ ފަސް މެޗުން ހަ ޕޮއިންޓެވެ. އޭދަފުށްޓަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. މަނަދޫއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ސެންޓްރަލް ރީޖަން ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އެބަ އޮތެވެ. މިހާތަނަށް ހަތް ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ ރަށެއް ކަމަށްވާ ކ. ހުރާ އެވެ. ދެވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިފައިވާ ދ. މީދޫ އެވެ. ތިންވަނައިގައި ފަސް ޕޮއިންޓާ އެކު ދ. ކުޑަހުވަދޫ އެވެ. އދ. މަހިބަދޫ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ސައުތު ރީޖަނަލް ލީގު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓް ހޯދާފައިވާ ގދ. ގައްދޫ އެވެ. ދެވަނައިގައި އޮތް ލ. ގަމަށް ހަތަރު މެޗުން ހަތް ޕޮއިންޓެވެ. ސ. ފޭދޫ ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.