ގްރީން ސްޓްރީޓްސްގައި ހަ އަހަރު ހޭދަކުރުމަށް ފަހު،  އަލީ ނިސްތާރު މުހައްމަދު، އެ ކްލަބްގެ ކޯޗުކަމުން އިސްތިއުފާ ދީފި އެވެ. 

އަވަސް އަވަހަށް ކޯޗުން ބަދަލުވާ ރާއްޖޭގެ ކްލަބްތަކުގައި، ނިސްތާރަކީ މި ފަހުން އެއް ކްލަބެއްގައި އެންމެ ދިގު މުއްދަތެއް ހޭދަ ކުރި ކޯޗެވެ. 

އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން އަދާކުރި ނިސްތާރު، ޕްރިމިއާ ލީގުގައި ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ އއ. މާޅޮސް ޓީމުގައި 2016 ގަ އެވެ.

ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން، 2020 ގައި އެ ކްލަބް ދޫކޮށްލުމުން، ގްރީންއިން ކޯޗުކަމަށް ހަމަޖެއްސީ ނިސްތާރެވެ.

ގްރީންގެ ކޯޗުކަން ނިސްތާރު ވަކިވި އިރު، އެ ޓީމުގެ ކުރިމަތީގައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޕްލޭއޮފް މަރުހަލާ އެވެ. އެންމެ ފަހުގެ ލީގުގެ ގަދަ ހައެއްގައި ލައްވާނުލައި، ގްރީންއިން ނިންމާލީ އަށްވަނައިގަ އެވެ. އެހެންވެ އެ ޓީމުން ކުޅެން ޖެހޭނީ ޕްލޭއޮފް މަރުހަލާ އެވެ. 

ގްރީންގެ މަގާމު ދޫކޮށްލި ސަބަބާ ބެހޭގޮތުން ނިސްތާރު ސާފު ޖަވާބެއް ނުދެ އެވެ. "މިހާރު" އިން ސުވާލު ކުރުމުން، އެ ކްލަބްގެ ބޯޑް މެންބަރުކަން ވެސް ކުރައްވާ ނިސްތާރު ބުން ކްލަބް ދޫކޮށްލީ އެހެން ޕްރޮޖެކްޓަކަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

"ގޯލްޑް ކަޕްގެ މަސައްކަތް ވެސް އެބައޮތް. އަދި އަލީ ރަމީޒުގެ މަންފާ ޖަމިއްޔާގެ މަންފާ އެކަޑަމީގެ މަސައްކަތިްތައް ވެސް އެބަކުރަން،" ގްރީން، ދޫކޮށްލަނީ ކޮން ޕްރޮޖެކްޓަކަށް ހުސްުވުމުގެ ގޮތުންތޯ ސުވާލު ކުރުމުން ނިސްތާރު ބުންޏެވެ. 

"އެކަމަކު އަބަދުވެސް އަޅުގަނޑުގެ ޕެޝަން މި ހުންނަނީ ޕްރިމިއާ ލީގަށް. ހޯޕްފުލީ އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ކްލަބަކުން ފެންނާނެ. އިންޝާﷲ."

މިފަހަރުގެ ލީގުގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ގްރީން ކުޅެން އޮތް މެޗަށް، ގްރީންގެ ޓީމު ހަމަވާ ވަރަށް ކުޅުންތެރިން ހާޒިރެއް ނުވި އެވެ. އެހެންވެ އެ މެޗު ކުޅެވޭ ގޮތެއް ނުވި އެވެ. ގްރީން މެޗަށް ހާޒިރު ނުވިކަމަށް ބަލައި އެފްއޭއެމުން ނިންމީ 2-0 ން އެ ޓީމު ބަލިވެފައިވާ ކަމަށެވެ.

އެ މެޗު ގްރީންއިން ނުކުޅެ ދޫކޮށްލުމުން، އެ ޓީމުގެ ފަހަތުގައި އޮތް ކްލަބް ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. ގްރީން އަށް ޕްލޭއޮފުން ޖާގަ ލިބުނީ ވެލެންސިއާ އަށް ވުރެ ގެއްލުން ގޯލް މަދުވުމުންނެވެ.

ނިސްތާރާއި ކްލަބްގެ ކޯޗިން ޓީމުން އެ ދުވަހުގެ މެޗަށް ހާޒިރުވި ނަމަވެސް، ކުޅުންތެރިން މެޗަށް ހަމަކުރުމުގައި، އޭނާ އަށް ކާމިޔާބެއް ނުހޯދުނެވެ. ކްލަބްގެ ބޯޑުން ބުނީ ގަސްތުގައި މެޗު ދޫކޮށްލަން ތަރުހީބު ނުދޭނެ ކަމަށެވެ. އެކަމަކު، މެޗަށް ހާޒިރު ނުވި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަކަށް އެ ކްލަބުން ނުބުނެ އެވެ.