ސާފް ވުމެންސް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު 11-0 ގެ ބޮޑު ނަތީޖާއަކުން މުބާރާތް ބާއްވާ ގައުމު އިންޑިއާ އަތުން ބަލިވެއްޖެ އެވެ.

އިންޑިއާގެ ގޯއާގައި ހުންނަ ޕަންޑިިތު ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އިންޑިއާ ޓީމަށް ހަތަރު ލަނޑު ޖަހައިދިން އަވޭކާ ސިންހެވެ. މީގެ އިތުރުން ޕްރިޔަންކާ ޑޭވީ ނައޮރެމް އާއި ކަރިޝްމާ ޝިރްވޮއިކާ ވެސް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިފަ އެވެ. އަދި ޕިޔާރީ ހާހާ އާއި ޑަންގްމެއި ގްރޭސް އަދި ސަންގީތާ ބަސްފޯރް ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހައިފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 69 ވަނައިގައި އޮތް އިންޑިއާއިން، ރޭންކިންގެ 167 ވަނައިގައި އޮތް ރާއްޖެއާ ދެކޮޅަށް މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އިންޑިއާއިން ރާއްޖޭގެ ގޯލަށް ބޯޅަ ވައްދާލި އެވެ.

ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން، ބޮޑު އަނިޔާއަކުން ސަލާމަތްވެގެން ޓީމާ ގުޅުނު ޕްރިޔަންކާ ޑޭވީ ވަނީ ލަނޑެއް ޖަހައި އިންޑިއާއަށް ކުރިހޯދައިދީފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޕްރިޔަންކާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އިންޑިއާގެ ފަރަގު ބޮޑުކޮށްދީފަ އެވެ.

މެޗުގެ ބައިގަޑިއިރު ހަމަވާން އުޅެނިކޮށް، ރާއްޖޭގެ ގޯލްކީޕަރު އާމިނަތު ލީޒާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕިޔާރީ ހާހާ އިންޑިއާގެ ތިންވަނަ ލަނޑު ޖެހިއެވެ. އަދި އޭގެ ފަހުން އަވޭކާ ސިންގް ފޮނުވާލި ހިލޭ ޖެހުން ކީޕަރު ލީޒާ ކުރިމައްޗަށް ބައުންސްވެގެން ގޯލަށް ވަދެ، ނަތީޖާ 4-0 އަށް ބަދަލުވި އެވެ.

ހާފް ނިމުމުގެ ކުރިން އިންޑިއާގެ ކެޕްޓަން ޑަންގްމެއި ގްރޭސް ޖެހި ލަނޑާ އެކު، ފުރަތަމަ ހާފް ނިމުނީ 5-0 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

ބޮޑު ލީޑަކާ އެކު ދެވަނަ ހާފަށް ނުކުމެ އިންޑިއާއިން ވަނީ އިތުރު ހަ ލަނޑު ރާއްޖޭގެ ގޯލަށް ވައްދާލާފަ އެވެ. މީގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހި އަވޭކާ ސިންހެވެ.

ހަތަރު ހަތަރު ލަނޑު ޖެހުމުގެ އިތުރަށް، އޭނާ ވަނީ ދެ އެސިސްޓް ވެސް ކޮށްފަ އެވެ. މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމަށް އިންޑިއާގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.

މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ ދެން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށެވެ.