ލިވަޕޫލްގެ ކޯޗުކަމުން އިއްޔެ ވަކިކުރި އާނޭ ސްލޮޓްގެ ބަދަލުގައި، ބޯންމައުތު ދޫކޮށްލާ އަންދޯނީ އިރައޯލާ ހަމަޖައްސަން ތައްޔާރުވެއްޖެ އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2024 ގައި ހަވާލުވި ސްލޮޓަށް، އޭނާގެ ފުރަތަމަ ސީޒަނުގައި ކާމިޔާބީތަކެއް ހޯދުނެވެ. އެކަމަކު ދެވަނަ ސީޒަން ނިމުނީ ގޯހުން ގޯހަށެވެ. އެހެންކަމުން ލިވަޕޫލުން ނިންމީ އޭނާ ކޯޗުކަމުން ވަކިކުރާށެވެ.

އޭނާގެ ބަދަލުގައި މަގާމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިރައޯލާ އެވެ. ޔޫރަޕްގެ ބައެއް ކްލަބްތަކުން މިވަގުތު އެންމެ ޝައުގުވެރިވާ އެއް ކޯޗަކީ ވެސް އޭނާ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބެންފީކާ އާއި އޭސީ މިލާނުން ވެސް އޭނާ ގެންދަން ޝައުގުވެރިވި އެވެ.

އެ ދެ ކްލަބްގެ ވެސް ކޯޗުން މަގާމު މިހާރު އޮތީ ހުސްކޮށެވެ.

ސްލޮޓް ވަކިކުރިކަން އިއުލާން ކުރުމުގެ ކުރިން، އޭނާގެ ބަދަލުގައި ގެންނާނެ ކޯޗުންގެ ލިސްޓެއް ވެސް ލިވަޕޫލުން އެކުލަވާލި އެވެ. އެ ލިސްޓްގައި ހިމެނެނީ ފްރާންސްގެ ލޯންސްގެ ޕިއޭ ސާޖް އާއި ޖަރުމަނުގެ ސްޓުޓްގާޓްގެ ސެބަސްޓިއަން ހޮއެނެސް އެވެ.

އެކަމަކު ލިވަޕޫލުން އިހްތިޔާރު ކުރަނީ އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ރިޗަޑް ހިއުސްއާ އެކު މީގެ ކުރިން ބޯންމައުތުގައި މަސައްކަތްކުރި އިރައޯލާ ކަމަށް، ގާތްގަނޑަކަށް ޔަގީންވެފައިވާ ކަމަށް "ދި އެތުލެޓިކް ޔޫކޭ" އިން ބުންޏެވެ.

އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިޔާ މައިކަލް ވޯކާ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިޔުނު ކޮލަމެއްގައި އިރައޯލާ ސިފަކޮށްފައި ވަނީ ކްލަބްގެ ބަޖެޓް ކުޑަވި ނަމަވެސް، ރަނގަޅު ނަތީޖާތަކެއް ނެރޭ ކޯޗެއްގެ ގޮތުގައެވެ.

"އޭނާ ވަނީ އާދައިގެ ޓީމުތައް ވެސް ދަނޑުމަތީގައި ހަލުވި އަވަސް އަދި ވަރުގަދަ ޓީމުތަކަކަށް ބަދަލުކޮށް، ބޮޑެތި ކްލަބުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފަ،" ދި އެތުލެޓިކް ނޫހަށް ލިޔުނު އެނަލިސިސް ކޮލަމްގައި ވޯކާ ބުނެފައިވެ އެވެ.