ވޯލްޑް ކަޕުގައި ރެފްރީކަން ކުރަން އެމެރިކާ އަށް ދިއުމުން އެ ގައުމަށް ނާރުވައި އަނބުރާލި ފޮނުވާލި ސޮމާލިއާ ރެފްރީ އޮމަރު އާޓަން އަށް ޔުއެފާ ސުޕަ ކަޕް މެޗުގެ ރެފްރީކަން ދޭން ޔުއެފާ އިން ނިންމައިފި އެވެ.
އުމުރުން 34 އަހަރުގެ އާޓަން އަށް އެމެރިކާ އިން ވިސާ ދިނުމަށް ފަހު އެތެރެވިޔަނުދީ އެނބުރި ފޮނުވާލީ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަނުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ނޭރުވީ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރުން ކަމަށް ތުހުމަތުކުރެވޭ ބަޔަކާ ގުޅުން އޮތުމުންނެވެ.
މިއީ އެމެރިކާ އިން ގެންގުޅޭ ތަފާތުކުރުންތަކުގެ ބައެއް ކަމަށް ބުނެ މި މައްސަލައިގައި އެ ގައުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަނެއްކޮޅުން އާޓަން އެނބުރި ގައުމަށް ދިއުމުން ބަތަލެއްގެ މަރުހަބާ ވަނީ ކިޔައިފަ އެވެ.
އާޓަން އަށް އެމެރިކާ އިން ފުރުސަތު ނުދިން މައްސަލައިގައި ފީފާ އިން ބުނީ ވޯލްޑް ކަޕް ބާއްވާ ގައުމެއްގެ އިމިގްރޭޝަން އުސޫލުތަކަށް ބަސްކިއުމުގެ ބާރެއް އެ ޖަމިއްޔާ އަށް ނޯންނަ ކަމަށެވެ.
ޔުއެފާ އިން އާޓަން އަށް ސުޕަ ކަޕުން ފުރުސަތު ދޭން ނިންމިކަން އިއުލާންކުރީ ވޯލްޑް ކަޕް ފެށެން މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނެއްގައި އެ ޖަމިއްޔާގެ ރައީސް ސްލޮވީނިއާގެ އެލެކްސެންޑާ ކެފެރިން ވިދާޅުވީ ފުޓްބޯޅައިގެ ބޭނުމަކީ އެކެއް އަނެކެއްގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށާއި އާޓަން އަށް ފުރުސަތު ދޭން ނިންމީ އޭނާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.
"އާޓަންއަކީ، އެފްރިކާގެ އެންމެ މަތީ ފަންތީގައި ފެންވަރު ސާބިތުކޮށްދީފައިވާ ޒުވާން ހުނަރުވެރި ތަޖުރިބާކާރު ރެފްރީއެއް،"
އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ މިއީ އާޓަން އާއި މުޅި އެފްރިކާ އަށް ލިބުނު ޝަރަފެއް ކަމަށާއި އަދި މިއީ ޔުއެފާ އިން ދެއްކީ ރީތި މިސާލެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާ ބައްދަލުކުރާ ސުޕަ ކަޕް މެޗު އޮންނާނީ އޮގަސްޓް 12 ވަނަ ދުވަހު އޮސްޓްރިއާގަ އެވެ.