ފިލަޑެލްފިއާ (ޖޫން 15) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެންޗެސްޓާ ޔުނަައިޓެޑްގެ އަމަޑް ޑިއާލޯ ފަހު ވަގުތު ޖެހި ލަނޑުން އިކުއެޑޯއާ ވާދަކޮށް 1-0 އިން އައިވަރީ ކޯސްޓް މޮޅު ވެއްޖެ އެވެ.

މެޗުގެ 90 ވަނަ މިނިޓުގައި ވިލްފްރެއިޑް ސިންގޯ ދިން ބޯޅައަކުން އަމަޑް މި ގޯލު ކާމިޔާބު ކުރި އިރު، އޭނާ ކުޅެން އެރީ 56 ވަނަ މިނިޓުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިކުއެޑޯގެ ޖޯން ޔެބޮއާ އާއި އެލަން މިންޑާގެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވިއިރު، ދެވަނަ ހާފުގައި އެނާ ވެލެންސިއާގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒު ވެފައިވެ އެވެ. މެޗުގައި އެ ޓީމުގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އޮން ޓާގެޓަށް ފޮނުވާލެވުނީ ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް އައިވަރީ ކޯސްޓްގެ ގޯލްކީޕަރު ޔަހްޔާ ފޮފާނާ ވަނީ އިކުއެޑޯގެ ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ ދިފާއު ކޮށްފަ އެވެ.

އިކުއެޑޯގެ އެލަން މިންޑާ؛ އޭނާގެ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ.-- ފޮޓޯ: އޭއެފްޕީ
އިކުއެޑޯގެ އެލަން މިންޑާ؛ އޭނާގެ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގެ ކުރީކޮޅު އައިވަރީ ކޯސްޓްގެ ފޯވާޑް އެލްޔޭ ވާހީގެ ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެފަ އެވެ.

މިއާ އެކު އިކުއެޑޯ ބަލި ނުވެ ދަމަހައްޓަމުން އައި ސިލްސިލާ މި ވަނީ 19 މެޗަށް ފަހު ނިމުމަކަށް އައިސްފަ އެވެ. މި މެޗުގެ ކުރިން އެ ޓީމު އެންމެ ފަހުން ބަލި ވެފައި ވަނީ 2024 ގެ ސެޕްޓެމްބަރުގައި ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ ޓީމުން މި މުއްދަތުގައި 12 ކްލީން ޝީޓު ހަދާފައިވެ އެވެ.

މިއީ ޑިޑިއޭ ޑްރޮގްބާގެ ކެޕްޓަންކަމުގައި 2006، 2010 އަދި 2014 ގައި ވާދަ ކުރި އައިވަރީ ކޯސްޓް އެއަށް ފަހު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހު ދެ މުބާރާތަށް އެ ޓީމު ކޮލިފައި ވެފައެއް ނުވެ އެވެ.

އެ ޓީމު ވަނީ މީގެ 12 އަހަރު ކުރިން 2014 ގައި ފުރަތަމަ ފަހަރަށް، މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެ އަހަރުގެ ފުރަތަމަ މެޗުން ޖަޕާން 2-1 އިން ބަލި ކުރެވުނު ނަމަވެސް ދެން ކުޅުނު މެޗުޗުތަކުގައި ކޮލަމްބިއާ އާއި ގްރީސް އަތުން މޮޅެއް ނުވެވުނެވެ،

އިކުއެޑޯއާ ދެކޮޅަށް ހޯދި މޮޅާ އެކު އައިވަރީ ކޯސްޓް މި ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ އުންމީދު ބޮޑު ކޮށްފަ އެވެ.

އައިވަރީ ކޯސްޓާއި އިކުއެޑޯގެ އިތުރުން ޖަރުމަނާއި ކިއުރަސާއޯ ހިމެނޭ ގުރޫޕް އީގައި ޖަރުމަން ވަނީ ފުރަތަމަ މެޗުގައި 7-1 އިން ކިއުރަސާއޯ ބަލި ކޮށްފަ އެވެ. އައިވަރީ ކޯސްޓަށް ގުރޫޕް ސްޓޭޖްގައި ދެން އޮންނާނީ ޖަރުމަނާއި ކިއުރަސާއޯއާ ބައްދަލުކުރާ މެޗެވެ.