އާސިއާންގެ ގައުމުތަކަށް ހާއްސަކޮށް ބާއްވާ ފީފާ އާސިއާން ކަޕުން، ޕާކިސްތާނަށް ވެސް ފުރުސަތު ދީފި އެވެ. 

ސެޕްޓްމެންބަރު 21 ން އޮކްޓޫބަރު ހަޔަކަށް ބާއްވާ މުބާރާތުގައި އާސިއާން ސަރަހައްދުން ބޭރުން، ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ އިންޑިއާ އެކަންޏެވެ.

އެ ތާރީހުގައި ކުރިން ބާއްވަން އިއުލާން ކުރި ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރަށް ފަސް ކުރީ ވެސް އިންޑިއާ އަށް، އާސިއާން މުބާރާތުގައި ކުޅުމުގެ ފުރުސަތު ދިނުމަށެވެ. 

ޕާކިސްތާނުގެ އެންމެ ބޮޑު ނޫސް، "ޑޯން" އިން ބުނީ ފީފާއިން ބަލައިގަނެފައިވާ އާސިއާން ކަޕްގައި އެ ގައުމަށް ވެސް ދައުވަތު ދޭން ފީފާއިން މިހާރު ނިންމާފައިވާ ކަމަށެވެ. 

މިދިޔަ ހަފުތާގައި ރާއްޖޭގައި ނިންމާލި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، ޕާކިސްތާނުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނީ ސެޕްޓެމްބަރާއި އޮކްޓޫބަރުގެ ފީފާ ބްރޭކްގައި ވެސް އިތުރު މުބާރާތެއް ޕާކިސްތާނުން ކުޅޭނެ ކަމަށެވެ. 

އެކަމަކު އެއީ ކޮން މުބާރާތެއް ކަމެއް އޭނާ ނުބުނެ އެވެ. 

ފުޓްބޯޅައިގައި 35 އަހަރަށް ފަހު ޕާކިސްތާނުން ހޯދި ފުރަތަމަ ތައްޓަކީ، ޑައިަމްނޑް ޖުބިލީ މުބާރާތެވެ. އެ މުބާރާތުގެ ތައްޓާ އެކު ޕާކިސްތާނު ޓީމުން އެނބުރި ގައުމަށް ދިއުމުން، އެ ޓީމު އާސިއާން ކަޕްގައި ވާދަކުރާނެކަން އެ ގައުމުގެ މީޑީއާތަކުން ޚަބަރު ފެތުރި އެވެ. 

ފީފާ އާސިއާން ކަޕަކީ މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ނުވަތަ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. 

ޕާކިސްތާނު ލައްވާލާނެ ކަމަށް ބެލެވެނީ ޑިވިޝަން އެކެއްގައި ކަމަށް ޑޯން ނޫހުން ބުންޏެވެ. 

މުބާރާތުގައި ދެކުނު އޭޝިއާގެ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ދެން ވާދަކުރާނީ އިންޑޮނޭޝިއާ، މެލޭޝިއާ، ތައިލެންޑް ސިންގަޕޫރު އަދި ފިލިޕީންސެވެ. 

ޕާކިސްތާނުގެ ބައެއް އެހެން މީޑިއާތަކުން ބުނީ، އެ މުބާރާތުން ޕާކިސްތާން ލިބުނު ފުރުސަތަކީ، ވޯލްޑް ކަޕްގެ ހުޅުވުމުގެ ރައްމިއްޔާތަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސައްޔިދު މުހްސިން ގިލާނީ ކުރި ދަތުރުގައި ފީފާގެ ވެރިންނާ އެކު ކުރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.