ޓޮރޮންޓޯ (ޖޫން 21) - ދެވަނަ ހާފުގައި ކުޅެން ނުކުތް ޑެނިޒް އުންޑާވްގެ ގޯލުތަކުން ޖަރުމަން ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް ބަލި ކޮށް ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ޖަރުމަނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައި ވާއިރު، އައިވަރީ ކޯސްޓަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގުރޫޕް އީގައި ދެން ހިމެނޭ އިކުއެޑޯ އާއި ކިއުރަސާއޯ މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ވަނީ ބަލި ވެފަ އެވެ.
މިއީ 2014 ގައި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން ޖަރުމަން، މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ 30 ވަނަ މިނިޓުގައި އައިވަރީ ކޯސްޓުން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ފްރޭންކް ކެސިއޭ އެވެ. މި ގޯލުގެ ކުރިންނާއި ފަހުން ވެސް ޖަރުމަނުން ގޯލެއް ޖެހީ ކަމަށް ހީކުރެވުނެވެ. ނަމަވެސް ފުރަތަމަ ފަހަރު ޑިފެންޑަރު އަލެކްސެންޑާ ޕަވްލޮވިޗް އައިވަރީ ކޯސްޓްގެ ކީޕަރު ޔަހްޔާ ފޮފާނާ އަށް ފައުލް ކުރި އިރު ދެވަނަ ފުރުސަތުގައި ކައި ހަވާޓްޒް ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އޭގެ ކުރިން ޖަމާލް މުސިއާލާ އިދިކޮޅު ކުޅުންތެރިއަކަށް ފައުލް ކޮށްގެން ގޯލެއް ކަމަށް ނުބަލަ އެވެ.
ޖަރުމަނުން ދެވަނަ ހާފުގައި ހޯދި ގިނަ ފުރުސަތުތަކުން އުންޑާވް ނަތީޖާ އެއްވަރު ކުރީ 68 ވަނަ މިނިޓުގައި ނަދީމް އަމީރީ ނަގައިދިން ހުރަހަކުންނެވެ. ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ އޭގެ އަށް މިނިޓް ކުރިން އެކުގަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އަމީރީ އަށް ވަނީ އެ ޓީމު މޮޅުވާން ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. އޭނާ އަށް ހުސް ކޮށް ލިބުނު ފުރުސަތުގައި ބޯޅަ ފޮނުވާލެވުނީ ކީޕަރާ މާ ކައިރިއަށެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން ފެލިކްސް އެންމޭޝިއާ ދިން ބޯޅައަކުން އުންޑާވް ވަނީ އިތުރު ގޯލެއް ޖަހައި ޖަރުމަން މެޗުން މޮޅު ކޮށްދީފަ އެވެ.
މިއީ އުންޑާވް މި އަހަރުގެ ވޯލްޑް ކަޕްގައި ދެ މެޗުން ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި ކިއުރަސާއޯއާ ދެކޮޅަށް ވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.