ވެންކޫވާ (ޖޫން 25) - ސްވިޒަލެންޑް އަތުން 3-1 އިން ބަލިވި ނަމަވެސް، ތިންވަނައިގައި އޮތް ބޮސްނިއާ އެންޑް ހާޒިގޮވީނާއަށް ވުރެ ފައިދާ ގޯލްގެ ތަފާތުން ކުރި ލިބޭތީ، މި އަހަރުގެ ވޯލްޑް ކަޕްގެ ކޯ ހޯސްޓް ކެނެޑާ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރަށް ކޮލިފައި ވެއްޖެ އެވެ.

ދެވަނަ ހާފު ފެށުނުތާ 39 ސިކުންތު ތެރޭ ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ރުބެން ވާގަސް އެވެ. އަދި 57 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ޔޯހާން މަންޒަމްބީ އެވެ. ކެނެޑާ ކުރި ހިތްވަރުން އެ ޓީމުގެ ހަމަ އެކަނި ލަނޑު 76 ވަނަ މިނިޓުގައި ޖަހައިދިނީ އޭގެ ދެ މިނިޓް ކުރިން ކުޅެން ނުކުތް ޕްރޮމިސް ޑޭވިޑެވެ.

ކެނެޑާ އިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އިންސްޓަންޓްފުޓް
ކެނެޑާ އިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އިންސްޓަންޓްފުޓް

ބޮސްނިއާ އެންޑް ހާޒިގޮވީނާ ވަނީ މިރޭ 3-1 އިން ގަތަރު ބަލި ކޮށްފަ އެވެ.

ބޮސްނިއާ އެންޑް ހާޒިގޮވީނާ މެޗުގެ 29 ވަނަ މިނިޓުގައި ލީޑު ނެގީ ކަރީމް އަލާބެގޮވިޗްގެ ގޯލަކުންނެވެ. އޭގެ ފަސް މިނިޓް ފަހުން ގަތަރުގެ ކީޕަރު މަހްމޫދު އަބުނާޑާ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ފުޅާވި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން ހަސަން އަލް ހައިދޯސް ވަނީ ގަތަރަށް އުންމީދެއް ހޯދައިދީފަ އެވެ.

ނަމަވެސް މެޗު ނިމުނީ ބޮސްނިއާ އެންޑް ހާޒިގޮވީނާގެ އިތުރު ގޯލަކާ އެކު އެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް މި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އާމިން މަހްމިޗް އެވެ.

ގޯލެއް ޖެހުަމށް ފަހު ބޮސްނިއާ އެންޑް ހާޒިގޮވީނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ފީފާ
ގޯލެއް ޖެހުަމށް ފަހު ބޮސްނިއާ އެންޑް ހާޒިގޮވީނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ފީފާ

މި ނަތީޖާއިން ސްވިޒަލެންޑް ވަނީ ހަތް ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ކެނެޑާ އާއި ބޮސްނިއާ އެންޑް ހާޒިގޮވީނާ އަށް ވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ނަމަވެސް ކެނެޑާ ވަނީ ފައިދާ ގޯލުގެ ބޮޑު ތަފާތަކުން ކުރި ހޯދައި، ގުރޫޕް ބީގެ ދެވަނަ ޖާގަ އާއެކު ގަދަ 32 ޓީމު ވާދަ ކުރާ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ގުރޫޕްގެ އެއްވަނަ އަދި ދެވަނައިގެ އިތުރުން، ކޮންމެ ގުރޫޕަކުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރޭން ގަދަ އަށް ޓީމަށް ނޮކައުޓް ބުރުން ފުރުސަތު ލިބެ އެވެ. މިއާ އެކު، އަމިއްލަ ބާރު ނެތް ކަމަކު ބޮސްނިއާ އަށް ވެސް ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުމުގެ އުންމީދު އަދި ނުގެއްލެ އެވެ.

ގުރޫޕްގެ ފުލުގައި ނިންމާލި ގަތަރަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މިއީ އެ ޓީމު މިހާތަނަށް ކުޅުނު ދެ ވޯލްޑް ކަޕުން ހޯދި ހަމައެކަނި ޕޮއިންޓެވެ.