ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ރޭ އިންގްލެންޑް އަތުން 2-1 އިން ނޯވޭ ބަލިވި މެޗުގެ ރެފްރީގެ ބައެއް ނިންމުންތަކާ މެދު ނޯވޭ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ނޯވޭ އިން އެންމެ ބޮޑަށް މައްސަލަ ޖެއްސީ ފުރަތަމަ ހާފުގެ ފަހު ވަގުތު އިންގްލެންޑުގެ ޖޫޑް ބެލިންހަމް މެޗު އެއްވަރުކުރަން ޖެހި ގޯލާ މެދު އެވެ. ނޯވޭގެ ކުޅުންތެރިންނާ އޮފިޝަލުން ބުނާ ގޮތުގައި އިންގްލެންޑުގެ އެލިއޮޓް އެންޑަސަން އެ ހަމަލާ އުފެއްދީ ނޯވޭގެ ގޯލްކީޕަރު ފޮނުވާލި ބޯޅައެއް ދަނޑުގެ މެދަކާ ދިމާލައިން މަތީގައި އޮތް ސްކައިކެމްގެ ކޭބަލުގައި ޖެހިފައި ވެއްޓުނު ވަގުތެވެ. އެއީ ކުޅުން މެދުކަނޑާލައި އަލުން ފަށަން ޖެހޭ ހާލަތެއް ކަމަށް ބުނެ އެ ގޯލު ކެންސަލްވާން ޖެހޭނެ ކަމަށް ބުނެ ނޯވޭ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އެކަމަކު ފީފާ އިން މެޗަށް ފަހު ބުނީ ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުގެ އެހީގައި ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ބެލިއިރު، ބޯޅަ އެ ކެމެރާގައި ނުވަތަ އޭގެ ކޭބަލުގައި ވެސް ޖެހި މިސްރާބު ބަދަލުވެފައިނުވާ ކަމަށާއި އެހެންވެ އެއީ ސައްހަ ގޯލެއް ކަމަށެވެ.
ނޯވޭ އިން ދެން ހިތްހަމަނުޖެހުނީ ދެ ވަނަ ހާފުގައި އެ ޓީމުގެ ޓޯބުއަން ހެގެމް ޖެހި ގޯލު ރެފްރީ ކެންސަލްކުރުމުންނެވެ. ރެފްރީ އެ ގޯލު ބަލައިނުގަތީ އެ ބޯޅަ ހުރަސްވި ކޯނަރު ނެގުމުގެ ކުރިން ނޯވޭ އާލިން ހާލަންޑް ދެ އަތުން އިންގްލެންޑުގެ އެންޑަސަން ކޮއްޕާލާފައިވާތީވެ އެވެ.
މެޗަށް ފަހު ހާލަންޑުގެ ބައްޕަ އަދި ނޯވޭގެ ކުރީގެ ކުޅުންތެރިޔާ އަލް-އިންގް ހާލަންޑް ވަނީ އެ ޓީމު ބަލިވީ ރެފްރީންގެ ނިންމުންތަކާ ހެދި ކަމަށް ދޭހަވާ ގޮތަށް ޓްވީޓްކޮށްފަ އެވެ.