އެޓޯލްސް އެފްސީއާ ވާދަކޮށް 2-0 އިން މޮޅު ވެގެން ކްލަބް ޓީއެފްޓީ މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ވާދަ ކުރި ފުރަތަމަ ފަހަރު ޓީއެފްޓީ ވަނީ ޗެމްޕިއަންކަން ހޯދައި އަންނަ ސީޒަންގެ މާލޭ ރީޖަން ލީގު، ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޓީއެފްޓީ ލީޑު ނެގީ 54 ވަނަ މިނިޓުގައި ނައިޖީރިއާގެ ފޯވާޑް އޮގުޑުގޫ އިސްމާއިލާ އަބުމޭރޭ ޖަހައިދިން ގޯލުންނެވެ. އަބްދުﷲ މުއާޒް (އޮޓޯ) ފޮނުވާލި ހަމަލާއެއް އެޓޯލްސްގެ ކީޕަރު މަތަކުރި ވަގުތު ރީބައުންސް ބޯޅަ އިސްމާއިލާ ވަނީ އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ.
ލީޑު ފުޅާ ކުރި ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ސުހެއިލް (ބަންބުޗު) އެވެ. އޭނާ ވަނީ އިސްމާއިލާ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލައި އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
ސުހެއިލް ވަނީ މުބާރާތުގެ އެންމެ ގިނަގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. ފައިނަލް މެޗުގައި ޖެހި ގޯލާ އެކު އޭނާ ވަނީ ޖުމްލަ 14 ގޯލު ޖަހައިފަ އެވެ.
ޖުމްލަ 21 ޓީމު ވާދަ ކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ހިންނަވަރު ރެކްރިއޭޝަން ކްލަބެވެ.