ކުއީންސް ބާސްކެޓްބޯލް ކްލަބުން 30 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ކުއީންސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިސްޓިކްސްއާ ވާދަ ކޮށެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ކުއީންސް މޮޅުވީ 88-58 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުއީންސްގެ އައިޝަތު އިނާޝާ އެވެ.

އަންހެން ޑިވިޝަނުގެ ގަދަ ފަސް ކުޅުންތެރިން.-- ފޮޓޯ: އެމްބީއޭ
އަންހެން ޑިވިޝަނުގެ ގަދަ ފަސް ކުޅުންތެރިން.-- ފޮޓޯ: އެމްބީއޭ

އަންހެން ޑިވިޝަންގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކުއީންސްގެ އައިޝަތު އިނާޝާ، ރައީފާ އިބްރާހީމް، އައިޝަތު ރާއީ ހަމްޒާގެ އިތުރުން މިސްޓިކްސްގެ މަރިޔަމް މަލަކް މުހައްމަދު ސިފާން އާއި ސައިކްލޯންގެ ފާތިމަތު ޝައިލާން އަފްޒަލް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝައިލާން އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ ޝައިލާން.-- ފޮޓޯ: އެމްބީއޭ
މުބާރާތުގެ މޮޅު ކުޅުންތެރިޔާ ޝައިލާން.-- ފޮޓޯ: އެމްބީއޭ

ޖުމްލަ ހަ ޓީމު ވާދަ ކުރި އަންހެން ޑިވިޝަންގެ ލީގު ބުރުގައި ކުއީންސް އާއި މިސްޓިކްސް އަދި ސައިކްލޯން ބީސީ ވަނީ ހަތަރު މެޗު ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ޓީމު ރޭންކް ކުރެވުނީ ފައިދާ ޕޮއިންޓްގެ ގޮތުންނެވެ.

ލީގު ބުރުގެ އެއްވަނަ ކުއީންސް ހޯދި އިރު ދެވަނައިގައި ނިންމީ މިސްޓިކްސް އެވެ. ތިންވަނައިގައި ނިންމީ ސައިކްލޯން އެވެ. ހަތަރުވަނައިގައި ނިންމި ކޮމެޓްސް ބީސީ އަށް ހަތް ޕޮއިންޓް ލިބުނު އިރު ފަސްވަނައިގައި ނިންމި ސްޓާސް ސްޕޯޓްސް ކްލަބަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެން ވާދަ ކުރި ސްޕާކްސް ބީސީ އަށް ލިބުނީ ފަސް ޕޮއިންޓެވެ.

މިސްޓިކްސް، ރަނަރަޕް މެޑަލް އާއެކު.-- ފޮޓޯ: އެމްބީއޭ
މިސްޓިކްސް، ރަނަރަޕް މެޑަލް އާއެކު.-- ފޮޓޯ: އެމްބީއޭ

ގަދަ ހަތަރު ޓީމު ސެމީ ފައިނަލް ކުޅުނު އިރު، ކުއީންސް ވަނީ ސެމީގެ ފުރަތަމަ މެޗުގައި ކޮމެޓްސްއާ ވާދަކޮށް 94-32 އިން މޮޅު ވެފަ އެވެ. އަދި މިސްޓިކްސް ވަނީ ސެމީގެ ފަހު މެޗުގައި 79-77 އިން ސައިކްލޯން ބަލި ކޮށްފަ އެވެ.

ޖުމްލަ 23 ޓީމު ވާދަ ކުރާ ފިރިހެން ޑިވިޝަންގެ ކަޕް ފައިނަލާއި ޝީލްޑް ފައިނަލް މިއަދު އޮންނާނެ އެވެ. ހަވީރު 4 ޖަހާއިރު އެލްކިއު ސްޕޯޓްސް އާއި ނެޓްސް ބީސީ، ޝީލްޑް ފައިނަލްގައި ބައްދަލު ކުރާ އިރު، ކަޕް ފައިނަލްގައި މިރޭ 8:30 ގައި ނުކުންނާނީ ކިންގްސް އާއި ޓީރެކްސް އެވެ.