ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއްް ދައްކައި ބޮޑު މަގުބޫލުކަމެއް ހޯދި ކޭޕް ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީ ލީގުގެ އެންމެ ކާމިޔާބު ކްލަބް ކޯލޯ ކޯލޯ އަށް ކުޅެން އެއްބަސްވެއްޖެ އެވެ.

"ވޮޒީނިއާ އަކީ ކޯލޯ ކޯލޯގެ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ، އޭނާ ޗިލީ އަށް އައިސް މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށް ފަހު މޮނިއުމެންޓަލް ސްޓޭޑިއަމްގައި އިއުލާން ކުރެވިގެން ދާނެ،" ކޯލޯ ކޯލޯގެ ރައީށް އަނިބަލް މޯސާ އިއްޔެ އޮތް ލީގު މެޗުގެ ކުރިން ހާމަ ކޮށްފައިވެ އެވެ.

"އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި، އެހެން ވެގެން އަހަރެމެން އޭނާގެ ސޮއި މި ހޯދަނީ."

އުމުރުން 40 އަހަރުގެ ގޯލްކީޕަރާ އެކު ކޭޕް ވާޑޭ ވަނީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ސްޕެއިން އާއި އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އެއްވަރުކޮށް ނޮކައުޓް ބުރުން ޖާގަ ހޯދައިފަ އެވެ. އެ ޓީމު ބަލިވީ އިތުރު ވަގުތު ކުޅެގެން އާޖެންޓީނާ އަތުން 3-2 ންނެވެ.

އުމުރުން 26 އަހަރުގައި ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކޮކްޓްރެކްޓެއްގައި ސޮއި ކުރި ވޮޒީނިއާ ވަނީ ސައިޕްރަސް އާއި ސްލޮވާކިއާ އާއި މޮލްޑޯވާ އަދި އެންގޯލާގައި ވެސް ކުޅެފަ އެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބް ޗާވޭސް އަށެވެ. ޗާވޭސް އާއެކު އޮތް ކޮންޓްރެކްޓް ހަމަ ވެފައި ވާތީ އޭނާ ކޯލޯ ކޯލޯ އަށް ބަދަލު ވަނީ ހިލޭ ޓްރާންސްފާގަ އެވެ.

ވޮޒީނިއާ ވަނީ ވޯލްޑް ކަޕް ތެރޭގައި އޭނާގެ މޮޅު ކުޅުމާ އެކު ސޯޝަލް މީޑިއާގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. ގާތްގަނޑަކަށް 50،000 މީހުން ފޮލޯ ކުރަމުން ދިޔަ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް މިހާރު 30 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ފޮލޯ ކުރެ އެެވެ. އަދި އޭނާ ވެފައި ވަނީ ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ގޯލްކީޕަރަށެވެ.

ޗިލީގެ ކޯލޯ ކޯލޯ ވަނީ ރެކޯޑް 34 ފަހަރު އެ ގައުމުގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ޗިލީގެ މި ސީޒަންގެ ލީގު ދެބައި ވެފައި ވާއިރު، ކޯލޯ ކޯލޯ މި ވަގުތު އޮތީ ބޮޑު ލީޑަކާ އެކު އެއްވަނައިގަ އެވެ.