އެންމެ ފަހު މިނިޓުގައި އިސްމާއިލް މުނީޒް ޖަހައިދިން ގޯލުން 3-2 އިން އެސްޓީއޯ އާރުސީ ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އިން ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދިފާއު ކޮށްފި އެވެ.
ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މުނީޒް ވަނީ ލަނޑެއް ޖަހައި އާރުއާރުސީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އަލުން ކުޅުން ފަށައިގެން ސިކުންތުކޮޅެއްގެ ތެރޭގައި ހުސައިން ޝަރީފް (އޮންލީ) ޖަހައިދިން ގޯލުން ހާފު ނިންމާލީ ހަމަހަމަކޮށެވެ.
ދެވަނަ ހާފުގެ ނުވަވަނަ މިނިޓުގައި އާރުއާރުސީ ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ގޯލު ޖަހައިދިނީ ޝަނާން ރަޝާދެވެ.
ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެސްޓީއޯގެ އަލީ ހުމޭޒު ގޯލަށް ފޮނުވާލި ބޯޅައެއް، އާރުއާރުސީގެ އާދަމް ނާސިހް (އާދަންނާ) އަތުގައި ޖެހުނުކަމަށް ބަލައި ވީޑިއޯ ސަޕޯޓްގެ އެހީގައި ވަނީ އެސްޓީއޯއަށް ޕެނަލްޓީއެއް ދީފަ އެވެ.
މި ޕެނަލްޓީ ވައްދާލައި އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ އިސްމާއިލް އީސަ (މެސީ) އެވެ.
ދެ ޓީމު އެއްވަރު ވެގެން ފުރިހަމަ ވަގުތުގެ ކުޅުން ނިމި، ޕެނަލްޓީއަށް ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އާރުއާރުސީ މޮޅުވި ލަނޑު ޖެހީ މެޗު ނިމެން 23 ސިކުންތަށް ވެފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަހުމަދު އަފްލާޒް އަރިމަތިން އަރައި ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ މުނީޒް ވަނީ ގޯލަށް ފޮނުވާލައިގެން އާރުއާރުސީގެ ސަޕޯޓަރުން ކައްކުވާލައިފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މުނީޒެވެ. ފައިނަލްގެ ދެ ގޯލާ އެކު އޭނާ ވަނީ މުބާރާތުގައި ޖުމްލަ އަށް ގޯލު ކާމިޔާބު ކޮށްފަ އެވެ.
މިއާ އެކު އެސްޓީއޯގެ އިތުރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކްލަބް އާރުއާރުސީ ވެސް ވަނީ ހަތަރު ފަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އުފުލާލައިފަ އެވެ.
އާރުއާރުސީގެ ފުރަތަމަ ތައްޓަކީ 2017 ގައި އެމްއާރުޑީސީގެ ނަމުގައި ވާދަ ކޮށް ހޯދި ތައްޓެކެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ސަރުކާރުން އެމްއާރުޑީސީ އުވާލައި އާރުޑީސީ ނަމުގައި ކުންފުނި އުފެއްދި ފަހުން 2021 ގައި އެ ޓީމު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް އާރުއާރުސީ ވަނީ އެސްޓީއޯ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. މި އަހަރުގެ ފައިނަލަކީ އާރުއާރުސީ ވިދިވިދިގެން ވާދަ ކުރި ހަތަރުވަނަ ފައިނަލެވެ.
އެސްޓީއޯ ޗެމްޕިއަންކަން ހޯދާފައި ވަނީ 2009، 2011، 2014 އަދި 2015 ގަ އެވެ.