އަންނަ ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ވަރުގަދަކުރުމުގެ ޕްލޭނުގެ ދަށުން ނާއިޒް ހަސަން (ދާދު) ހިމެނޭހެން އިތުރު ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު އަލުން ބޮންތިއަށް އަރަން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ގެނައީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް އެޓޭކިން މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މާޒިޔާ އަށް ކުޅެމުން އައި ހަމްޒާގެ ސޮއި ވިކްޓްރީން ހޯދީ ވާދަވެރި ނިއު ރޭޑިއަންޓް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
އޭގެ ފަހުން ވިކްޓްރީން އިއުލާންކުރީ ހަމަ އެހާމެ ހުނަރުވެރި އެޓޭކިން ކުޅުންތެރިޔާ ދާދު އެވެ. އޭނާ އަކީ ހަމްޕުއާ އެކު މާޒިޔާ އާއި ގައުމީ ޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ވިކްޓްރީ އަށް ދެން ސޮއިކުރީ އޮޑި ސްޕޯޓްސްގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި އެ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އެވެ. އަދި އީގަލްސްގެ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ގެ ސޮއި ވެސް ވަނީ ހޯދައިފަ އެވެ.
ވިކްޓްރީގެ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން އަދި ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރި އަމްދާން އަލީ (އެންޑީ) ވަނީ ނިއު އަށް ބަދަލުވެފަ އެވެ.
މި ސީޒަން ފަށާނީ މި މަހު 31 ގައި މާޒިޔާ އާއި ނިއު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އޭގެ ފަހުން އަންނަ މަހު އޮންނަ ކަޕްވިނާސް ކަޕުގައި ވާދަކުރާނެ އެވެ. ވިކްޓްރީގެ ފުރަތަމަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށާނީ ސެޕްޓެމްބަރު މަހު އެވެ.