ބަންގްލަދޭޝްގެ ބޮޑު ތިން ކްލަބަށް ފީފާއިން ކުރިމަތިކޮށްފައިވާ، ޓްރާންސްފާ ބޭންގެ އަދަބާ އެކު އެ ގައުމުގެ ފުޓްބޯޅަ ލީގަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެއްޖެ އެވެ.
ބންގްލަދޭޝްގެ "ޑެއިލީ ސްޓާ" ނޫހުން ބުނިގޮތުގައި މުސާރަ ނުދިނުމުގެ މައްސަލަތަކާ ހެދި، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި ދެވަނަ ހޯދި ޑާކާ އަބާހާނީ ލިމިޓެޑް އަދު މުހަންމަދާން އެސްސީއަށް، ފީފާއިން ވަނީ ތިން ވިންޑޯގެ ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅައިފަ އެވެ.
އަބާހާނީން ވަނީ އެ ކްލަބަށް އޮތް ދެވަނަ ޓްރާންސްފާ ބޭން އުވާލައިފަ އެވެ. ބަޝުންދުރާ އަށް އަދިވެސް 11 މައްސަލައެއްގައި ޓްރާންސްފާ ބޭން އެބައޮތް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
ނިއު ރޭޑިއަންޓްގައި ކުރިން މަސައްކަތް ކުރި ތަޖުރިބާކާރު ކޯޗު އޮސްކާ ބްރުޒޯން ބަރޭރަސް، ކާމިޔާބު ހަތަރު ސީޒަނެއް ހޭދަކުރި ބަޝުންދުރާއަކީ އެ ގައުމުގެ މަޝްހޫރު ވިޔާފާރި ކުންފުނި ބަންޝުންދުރާ ގުރޫޕުން ހިންގާ ކްލަބެކެވެ.
ބަންގްލަދޭޝްގެ އެއްވަނަ ލީގުގައި ބަޝުންދުރާ ވާދަކުރަން ފެށީ 2018 އިން ފެށިގެންނެވެ. މިދިޔަ އަށް އަހަރުތެރޭ އެ ޓީމުން ވަނީ ހަ ފަހަރު ލީގު ކާމިޔާބުކޮށްފަ އެވެ.
ބަޝުންދުރާ އާއި ޑާކާ އަބާހާނީއަކީ ލީގުގައި އެންމެ ވާދަވެރި ދެ ކްލަބެވެ. އެ ދެ ކްލަބަށް ޓްރާންސްފާ ބޭންގެ އަދަބުން ސަލާމަތް ނުވެވިއްޖެނަމަ، ލީގުގެ ވާދަވެރިކަން ކުޑަވާނެ ކަމަށް ބެލެވެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި ބަޝުންދުރާ އަށް ފިޔަވަޅު އެޅީ ކުރިން އެ ޓީމުގައި މަސައްކަތް ކުރި ރޮމޭނިއާގެ ކޯޗު ވިލޭރިއޫ ޓީޓޭ އާއި ފިޓްނަސް ކޯޗަށް މުސާރަ ނުދިނުމުންނެވެ.
ބޮޑު ތިން ކަލްބުން ޓްރާންސްފާ ބޭންގެ އަދަބުގައި ތާށިވި އިރު، މީގެ ކުރިން ތާވަލުގެ ފަހަތުގައި ނިންމާލާ ކްލަބްތަކުން، ފައިދާ ނަގައި ކުޅުންތެރިން ސޮއިކުރުވުމުގެ މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ހަރަކާތްތެރިކޮށެވެ.
ލީގުގައި މުޅިން އަލަށް މިދިޔަ ސީޒަނުގައި ވާދަކުރަން ފެށި، ޕީޑަބްލިއުޑީ ސްޕޯޓްސް ކްލަބުން ވަނީ ޓްރާންސްފާ ވިންޑޯގައި ފަސް ކުޅުންތެރިން ހޯދާފަ އެވެ.
ބަންގްލަދޭޝްގެ އެހެން ކްލަބެއް ކަމަށްވާ ފަކީރަރުޕޫލް ޔަންގް މެންސް ކްލަބަށް ވެސް ފީފާއިން ޓްރާންސްފާ ބޭންގެ ފިޔަވަޅު އެޅި އެވެ. ނަމަވެސް އެ ކްލަބުން މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އާ ސީޒަނުގައި އެ ގައުމުގެ ލީގު މިމަހު ފަހުކޮޅުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.