އިޒްރޭލްގެ ކްލަބް ހަޕޮއެލް ތެލްއަވީވާ ގުޅޭ ގޮތުން ކުރި ސުވާލަށް، އާންމުށް ޖަވާބު ދޭން ބޭނުން ނުވާ ކަމަށް އެޓަލާންޓާގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ. 

ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފްގައި ހަޕޮއެލް ތެލްއަވީވްގެ ކްލަބާ ދެކޮޅަށް، އެޓަލާންޓާއިން މިރޭ ނުކުންނާނެ އެވެ. ރަޝިއާގެ ކްލަބްތަކެކޭ އެއްގޮތަށް އިޒްރޭލް ކްލަބްތައް ވެސް ޔޫރަޕްގެ މުބާރާތްތަކުން އެކަހެރި ކުރަން ނުޖެހޭތޯ ނޫސްވެރިޔަކު ސާރީއާ ސުވާލު ކުރި އެވެ. 

ފާޅުގައި ޖަވާބު ދޭން އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ބުނީ އޭނާ ދެކޭގޮތް އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށެވެ. އެހެންވެ އެކަމަށް ޖަވާބު ދޭނީ ވެސް ވަކިން ކަމަށް ޗެލްސީ އާއި ޔުވެންޓަސްގެ ކުރީގެ ކޯޗު ބުންޏެވެ. 

"އަހަރެންނަކީ ކުލަބެއްގެ މަންދޫބެއްގެ ގޮތުގައި މިތާ ހުރި މީހެއް. އަދި ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން، ތާވަލުކުރެވިފައިވާ ކޮންމެ މެޗަކާ ވެސް ކުރިމަތިލާންޖެހެނީ މޮޅުވުމުގެ މަގުސަދުގައި. މިއީ ޕްރޮފެޝަނަލެއްގެ ވިސްނުމަކީ. ތި މައްސަލައާ ގުޅޭގޮތުން އަހަރެންގެ އަމިއްލަ ހިޔާލު އަހަން ބޭނުންނަމަ، އެކަން އަހަން ޖެހޭނީ ވަކިން،" ސާރީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

އޭނާ ވަނީ އެ ކްލަބްގެ ޓެކްނިކަލް މިންގަނޑަށް ތައުރީފުކޮށްފަ އެވެ. ތަޖުރިބާކާރު ބުނީ އެ ކްލަބުން ކައުންޓަ އެޓޭކްގައި އުފައްދާ، ނުރައްކާތެރި ހަމަލާތަކާ މެދު އެޓަލާންޓާގެ ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. 

"ހަޕޮއެލް ތެލްއަވީވަކީ ވަރުގަދަ ޓީމެއް.، ޕްރިލިމިނަރީ ބުރުތަކުގައި މިހާތަނަށް ވަރަށް ނުރައްކާތެރި ކައުންޓަރ އެޓޭކުތަކެއް ދައްކާފައިވޭ، އަދި ގިނަ ބަޔަކު ހީކުރާ ވަރަށްވުރެ ރަނގަޅު ޓީމެއް،" ސާރީ ބުންޏެވެ.

"ތާރީހީގޮތުން ބަލާއިރު، ޕްރިލިމިނަރީ ބުރުތަކަކީ އިޓަލީގެ ޓީމުތަކަށް އަބަދުވެސް އުނދަގޫ ބުރުތަކެއް، އެހެންވެ މި މެޗަށް ތައްޔާރުވާން ޖެހުނީ ތަފާތު ގޮތަކަށް. އަހަރެމެންގެ ގާބިލުކަމަށް ސަމާލުވާން ޖެހޭނެ."