މި މަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ކްރިކެޓް ކުޅުންތެރިންނަށް އެހެން ކުޅިވަރުތަކުގެ އެތުލީޓުންނަށް ވުރެ ރަނގަޅު އެކޮމޮޑޭޝަނެއް ހަމަޖެހިގެންދާނެ ކަމަށް ޖަޕާން ކްރިކެޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ކުޅުންތެރިން ތިބުމަށް ފެންވަރު މަތީ ހޯޓާތައް ނުލިބޭތީ ބައެއް ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޖަޕާނުގެ ނަގޯޔާ އަދި އައިޗީގައި މި މަހުގެ 19 ގައި ފަށާ ގޭމްސްގެ އެތުލީޓުން ތިބުމަށް ހާއްސަ އެތުލީޓްސް ވިލޭޖެއް ނެތެވެ.

އޭގެ ބަދަލުގައި އިންތިޒާމުކުރާ ފަރާތްތަކުން ބޭނުންކުރަނީ ކްރޫޒް ޝިޕްގެ ކެބިންތަކާއި ވަގުތީ ލަކުޑި ކޮންޓޭނަރު ރޫމްތަކާއި އަދި ހޮޓާތަކެވެ. ބައިވެރިވާ އެތުލީޓުންގެ އަދަދު 17,000 އަށް އަރާނެ އެވެ. އެ ހުރިހާ އެތުލީޓުންނަށް އެއް ސަރަހައްދެއްގައި ބައިތިއްބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، އެކޮމޮޑޭޝަންގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

މިފަހަރު އޭޝިއަން ގޭމްސްގައި ވޯލްޑް ކްލާސް ފެންވަރުގެ ތަރިން އެންމެ ގިނައިން ތަމްސީލުކުރާނީ ކްރިކެޓުންނެވެ. 

ޖަޕާން ކްރިކެޓް އެސޯސިއޭޝަންގެ ސީއީއޯ ނާއޯކީ އެލެކްސް މިޔާޖީ ވިދާޅުވީ ކްރިކެޓް ޓީމުތަކަށް ހޯޓާލް އެކޮމޮޑޭޝަން ހަމަޖައްސައިދެމުންދާ ކަމަށެވެ.

"ކްރިކެޓްގައި ބައިވެރިވާ ޓީމުތަކަށް ހަމަޖައްސައިދެނީ ހޮޓާލް އެކޮމޮޑޭޝަން. އެހެން ކުޅިވަރުތަކުގެ އެތުލީޓުން ތިބޭނީ ކްރޫޒް ޝިޕް ނުވަތަ ކޮންޓޭނަރު ހޯޓާލް ފަދަ ވަސީލަތްތައް މަދު ތަންތަނުގައި،" މިޔާޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ 17 މަސްދުވަސް ކަމަށެވެ. ހުރިހާ ކަމެއް ފަށަންޖެހުނީ ސުމަކުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ވަގުތީ ގޮތުން ތައްޔާރުކުރާ ތަންތަން ކަމުގައި ވިޔަސް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވީހާ ވެސް ފަސޭހަ އަދި އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދަނީ،" މިޔާޖީ ވިދާޅުވި އެވެ.

ޖަޕާނުގައި ކްރިކެޓަކީ މަގުބޫލު ކުޅިވަރެއް ނޫނެވެ.  އޭޝިއަން ގޭމްސްގައި ކްރިކެޓް މެޗުތައް ކުޅޭނެ ދަނޑުގެ ވިނަގަނޑުގެ ފެންވަރު ދެމެހެއްޓުމަށް ލަންކާގެ ކްރިކެޓްގެ އެހީ ޖަޕާނުން ވަނީ ހޯދާފަ އެވެ.