ލިއޮނަލް މެސީގެ މިލުކުވެރިކަމުގެ ދަށަން ތިންވަނަ ކްލަބެއް ގަންނަން، އޭނާ އެއްބަސްވުމަކަށް ހިނގައްޖެ އެވެ. 

އިންޓަ މަޔާމީގެ ކެޕްޓަންކަން ކުރާ މެސީގެ އޯނާޝިޕްގެ ދަށުގައި މިހާރު ވެސް ދެ ކްލަބެއް އެބައޮތެވެ. 

މިފަހަރު އޭނާ ގަންނަނީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ސީޑީ އެލްޑެންސެވެ. 

އެލްޑެންސެގެ މިހާރުގެ މިލްކުވެރިންނަކީ ކޮލޮމްބިއާގެ އިންވެސްޓްމަންޓް ގްރޫޕެއް ކަމަށްވާ "ގްރޫޕޯ ޓީއެޗް" އެވެ.

އެ ކްލަބް ގަތުމުގެ އެއްބަސްވުން މުޅިން ފައިނަލް ވާނީ ހުރިހާ މަރުހަލާތައް ނިންމައި، ސްޕެއިންގެ ސްޕޯޓްސް ކައުންސިލްގެ ރަސްމީ ހުއްދަ ލިބުމުންނެވެ.

މި އެއްބަސްވުން ފައިނަލްވެއްޖެނަމަ، މިއީ ބާސެލޯނާގެ ލެޖެންޑް ސްޕެއިނުން ގަންނަ ދެވަނަ ކްލަބަށް ވެގެންދާނެ އެވެ. މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ އެ ގައުމުގެ ފަސްވަނަ ޑިވިޝަނުގައި ވާދަކުރާ ކޯނެޔާ ވެސް ގަނެފަ އެވެ.

އުމުރުން 39 އަހަރުގެ މެސީ ވަނީ އޭނާގެ އެކުވެރިޔާ އަދި މިހާރު ވެސް އޭނާއާ އެކު މަޔާމީ އަށް ކުޅޭ ލުއިސް ސުއާރޭޒްއާ އެކު ބައިވެރިވެ އުރުގުއޭގެ ކްލަބެއް ކަމަށްވާ ޑެޕޯރްޓިވޯ އެލްއެސްއެމް ކޯ އޯނާޝިޕް ގަނެފަ އެވެ. 

ކޯނެޔާއަކީ ސެމީ ޕްރޮފެޝަނަލް ކްލަބެވެ. 

އެހެންވެ އެލްޑެންސެ ވެގެންދާނީ މެސީ އިންވެސްޓްކުރާ ސްޕެއިންގެ ފުރަތަމަ ޕްރޮފެޝަނަލް ކްލަބަށެވެ.

އެލްޑެންސާއި ކޯނެޔާއާ ދެމެދު އޮތް ދެ ޑިވިޝަނުގެ ފަރަގަކާ އެކު، މިވަގުތު ގާނޫނީ މައްސަލައެއް ދިމާނުވާނެ އެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ގަވާއިދު ބުނާގޮތުން އެކެއް ނުވަތަ އެއް ކޮންސޯޓިއަމެއްގެ ބޮޑު ހިއްސާއެއް އޮންނަ ދެ ކްލަބަކަށް އެއް ޑިވިޝަނެއްގައި ނުކުޅެވޭނެ އެވެ. ކޯނެޔާ އާއި އެލްޑެންސާ އެއް ޑިވިޝަނެއްގައި ވާދަކުރަން ޖެހޭ ހިސާބަށް ގޮސްފިނަމަ ކޮންމެ ވެސް އެއް ކަލްބެއް ފަހަތަށް ޖެހެން ޖެހޭނެ އެވެ. 

އެލްޑެންސަކީ 105 އަހަރަށް ވުރެ ގިނަ ދުވަސްވީ ތާރީހީ ކްލަބެކެވެ. އެކަމަކު އެ ކްލަބް ދިހު މުއްދަތެއް ހޭދަކޮށްފައި ވަނީ ދަށް ޑިވިޝަންތަކުގަ އެވެ.

މި ސީޒަނުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް މޮޅެއް ނުލިބުމުން، އެ ކްލަބްގެކޯޗު ކްލައުޑިއޯ ބަރަގާން ވަނީ މި ހަފުތާގައި މަގާމުން ވަކިކޮށްފަ އެވެ.