އޭޝިއަން ގޭމްސްގެ މާޝަލް އާޓްސްގެ މެޗުން ބަލިވުމުން އިންޑިއާގެ އަންހެން ފައިޓަރު ވާދަވެރި އެތުލީޓާ ސަލާންކުރަން ދެކޮޅުހެދި މައްސަލަ ފެންމަތިވެއްޖެ އެވެ.
މާޝަލް އާޓްސްގެ އިވެންޓްގެ ސެމީ ފައިނަލުގައި އިންޑިއާގެ ފައިޓަރު ސުޗިކާ ތަރިޔާލް ބަލިވީ ސިންގަޕޫރުގެ ހުއި ހޫން ޓިއޯ އަތުންނެވެ. އޭނާ މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރު ކުރީ 700 ގްރާމްގެ ތަފާތުންނެވެ.
މެޗުގެ ދެ ރައުންޑު ނިމުނުއިރު ދެ ފައިޓަރުން ހަމަހަމަ އެވެ. ދެން އިތުރު އެއް މިނެޓުގެ ވަގުތެއް ދިނެވެ. އެ ވަގުތުކޮޅުގައި ވެސް ވަކި އެތުލިޓަކަށް ކުރި ނުލިބުމުން، އިންޑިއާ ކޭމްޕުން ވަނީ ފުރަތަމަ ނިންމި ނިންމުމަށް ޗެލެންޖްކޮށްފަ އެވެ.
އޮފިޝަލުން މެޗު ރީވިއު ކުރުމަށްފަހު ނިންމީ މެޗު އެއްވަރުވީ ކަމަށެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން، އިތުރު ވަގުތުގައި ވެސް އެއްވަރުވެއްޖެނަމަ، މޮޅުވާ އެތުލީޓް ކަނޑައަޅާނީ އެ ދުވަހެއްގެ ހެނދުނު އެތުލީޓުންގެ ބަރުދަން ނެގި ނަތީޖާއަށް ބަލައިގެންނެވެ.
ހެނދުނު ބަރުދަން ނެގިއިރު ސިންގަޕޫރުގެ ޓިއޯ، އިންޑިއާގެ ސުޗިކާއަށްވުރެ 700 ގްރާމް ލުއިވުމުން، ފައިނަލުގެ ޖާގަ ލިބުނީ ޓިއޯ އަށެވެ.
ނަތީޖާ އިއުލާންކުރަން އޮފިޝަލުން މަސައްކަތްކުރުމުން އުމުރުން 36 އަހަރުގެ ސުޗިކާ ފުރަތަމަ އެކަމާ ދެކޮޅުހެދި އެވެ. އަދި ކޯޗުންގެ އެދުމުގެ މަތިން ރެފްރީ ކައިރިއަށް ދިޔަ އެވެ. އެކަމަކު މޮޅުވި އެތުލީޓާ ސަލާންކުރަން އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ނަތީޖާ ކަށަވަރުވުމާއެކު ސުޗިކާ ވަނީ އިންޑޯގެ ތަޅުންގަނޑުމައްޗަށް ވެއްޓި ވަރަށް ރޮއެފަ އެވެ.
އިންޑިއާ ކޭމްޕުން ވަނީ އޭޝިއަން އެމްއެމްއޭ އެސޯސިއޭޝަނުން ސިންގަޕޫރު ކޮޅަށް ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މާޝަލް އާޓްސްގެ ސްޕޯޓްސް ފެޑެރޭޝަނުން ބުނީ ނިންމުން ނިންމާފައި ވަނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.