ޗައިނާ އޯޕަންގެ ސެމީ ފައިނަލް މެޗުގައި ރުޅިއައިސްގެން ސަޕޯޓަރުން ތިބި ގޮނޑިބަރިއާ ދިމާލަށް ޖެހި ބޯޅައެއް ބެލުންތެރިއެއްގެ ގައިގައި ޖެހުމާ ގުޅިގެން ރަޝިއާގެ ޓެނިސް ކުޅުންތެރިޔާ ޑެނިއަލް މެޑްވެޑޭވް ޑިސްކުއަލިފައި ކޮށްފި އެވެ.
ނޮވާކް ޖޯކޮވިޗާ ދެކޮޅަށް އިއްޔެ ކުޅެނު މެޗުގައި ހިންގި މި ހާދިސާގައި، ގޮނޑިބަރީގެ ކުރީ ސަފުގައި އިން ބެލުންތެރިއެއްގެ ގައިގައި ބޯޅަ ޖެހުމުން، އޭނާގެ ވައާތު ލޮލަށް ހާނިކަވި އެވެ.
ސަޕޮޓަރު ސްޓޭޑިއަމުން ބޭރަށް ގެންދިޔައީ އެތަނުގައި ތިބި އެހެން އޮފިޝަލުންގެ އެހީތެރިކަމާ އެކު އެވެ.
މި ހާދިސާ ހިނގީ 7-5، 5-3 އިން ޖޯކޮވިޗް މެޗު ކާމިޔާބުކުރަން ސާވްކުރަން ތައްޔާރުވެފައި ވަނިކޮށެވެ.
ޖޯކޮވިޗް ފޮނުވާލި ވޯޅައެއް އިޝްތިހާރު ބޯޑުގައި ޖެހިފައި އެނބުރި އައުމުން، މެޑްވެޑޭވް ވަނީ ހިތްހަމަނުޖެހިގެން ހުރެ ފުރަގަހުން ބޯޅައިގައި ޖަހައި ގޮނޑިބަރިއާ ދިމާލަށް ފޮނުވާލާފަ އެވެ.
މެޗުގެ އަމްޕަޔަރާއި ޓޯނަމެންޓް ސުޕަވައިޒަރު ކޯޓަށް ފައިބައި މެޑްވެޑޭވްއާ ވާހަކަދެއްކި އެވެ. މާ ބޮޑު އަރާރުމެއް ނުހިނގަ އެވެ. އަދި އޭނާ ވަނީ ނެޓު ކައިރިއަށް ގޮސް ޖޯކޮވިޗާ ސަލާމްކޮށްފައެވެ.
ޔޫއެސް އޯޕަން 2020 ގައި ޖޯކޮވިޗް ފޮނުވާލި ބޯޅައެއް އޮފިޝަލެއްގެ ގައިގައި ޖެހިގެން އޭނާ ޑިސްކުއަލިފައި ވެސް ކުރި އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ މިއީ ކުއްލި ސޮކެއް ލިބުނު ކަމެއް ކަމަށެވެ.
"އަނިޔާވި ބެލުންތެރިޔާއަށް ބޮޑު އަނިޔާއެއް ނުލިބޭނެ ކަމަށް އުންމީދުކުރަން. އަދި ބޮޑު މެޗަކުން ޑިސްކުއަލިފައިވުމުން ކުރެވޭނެ އިޙްސާސް އެނގޭތީ ޑެނިއަލް އާމެދު ދެރަވަން. އޭނާ އެކަން ކުރީ ގަސްތުގައި ނޫންކަން ޔަގީން،" ޖޯކޮވިޗް ބުންޏެވެ.
ކޯޓުމަތީގައި މީގެ ކުރިންވެސް މެޑްވެޑޭވަށް ޑިސިޕްލިނަރީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވެ އެވެ. މ އަހަރުގެ މޮންޓެ ކާލޯ މާސްޓާސްގައި މެޑްވެޑޭވް 0-6، 0-6 އިން ބަލިވި މެޗެއްގައި، ރެކެޓް ބިންމަތީގައި ޖަހައި ހަލާކުކޮށްލުމުން 6،000 ޔޫރޯ (7،000 ޑޮލަރު) އިން ޖޫރިމަނާކޮށްފައިވެ އެވެ.