ވިޔަރެއާލް ދެކޮޅަށް ރޭ ކުޅުނު އެ ޓީމުގެ ކުޅުންތެރިޔެއްގެ އިސްތަށިގަނޑުގައި ހިފައި ދެމުމުން ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލައިފި އެވެ.
މެޑްރިޑްގެ ސަންތިއާގޯ ބާނަބެއޫގައި ކުޅުނު މެޗަށް ވިނީ، ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފަށެވެ. މި ސީޒަނުގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކޭތީ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އޭނާގެ ބަދަލުގައި ކަނާތު ވިންގުގައި ފުރަތަމަ 11 ގައި ކުޅެން ނެރުނު ޔާން ޑިއޮމާންޑޭ ވަނީ 62 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދީފަ އެވެ.
އޭގެ ފަހުން ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ވިނީ ލަނޑެއް ޖަހައި، ރެއާލްގެ ލީޑު ފުޅާކުރިކަމަށް ބެލެވުނެވެ. އެކަމަކު އެ ލަނޑަށް ހުރަސް އެޅީ ވީއޭއާރުންނެވެ.
ލަނޑު ޖެހުމުގެ ކުރިން ވިނީ، ވިޔަރެއާލްގެ ނޭތަން ސަލީބާގެ އިސްތަށިގަނޑުގެ ހިފައި ދަމައިގަތްކަން ވީއޭއާރުން ދެއްކި އެވެ. ރެފްރީ އިސިޑްރޯ ޑިއާޒް މޭރާ ވަނީ ވިނީއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
މެޗަށްފަހު އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި ވިނީޝިއަސް ބުނީ، ކަންތައް ވިގޮތުން ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އެ ލަނޑު ކެންސަލް ކުރުމުން ރެއާލްގެ ބެންޗުން ނުރުހުން ފާޅުކުރި އެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހޯސޭ މޮރީނިއޯ ބައިވެރިއެއް ނުވެ އެވެ.