ސެއިން-ޑެނިސް، ފްރާންސް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑާއި ޖަރުމަން ލަނޑެއް ނުޖެހި އެއްވަރުވެ، ދެ ޓީމަށް ވެސް ދެ ވަނަ ބުރުގެ އުއްމީދު ބޮޑުވެއްޖެ އެވެ.

މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުން ނޮދަން އަޔަލެންޑް ވަނީ 2-0 އިން ޔޫކްރޭން ބަލިކޮށްފަ އެވެ. ގްރޫޕް އެއް ވަނައިގައި މި ވަގުތު އޮތީ ލަނޑުގެ ތަފާތުން ޖަރުމަނެވެ. އެ ޓީމަށާއި ދެ ވަނައިގައި އޮތް ޕޮލެންޑަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ނޮދަން އަޔަލެންޑް ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޔޫކްރޭނަށް ޕޮއިންޓެއް ނުލިބެ އެވެ.

ދެ ވަަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕޮލެންޑާއި ޖަރުމަނަށް ފަހު މެޗުތަކުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ޖަރުމަނު ކުޅޭނީ ޔޫކްރޭނާ އެވެ. އަދި ނޮދަން އަޔަލެންޑް ބައްދަލުކުރާނީ ޕޮލެންޑާ އެވެ. ދެ މެޗު ވެސް އޮންނާނީ އަންނަ އަންގާރަ ދުވަހުގަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ފުރަތަމަ ހާފްގައި ޖަރުމަނުގެ މާރިއޯ ގޮޓްޒާ އާއި ޓޯނީ ކްރޫސް ވަނީ ޕޮލެންޑް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ.

ޖަރުމަނުގެ ބޯޓެން (ވ) ޕޮލެންޑުގެ ލެވަންޑޯސްކީ އަށް ބޯޅަ ލިބުމުގެ ކުރިން ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ
ޖަރުމަނުގެ ބޯޓެން (ވ) ޕޮލެންޑުގެ ލެވަންޑޯސްކީ އަށް ބޯޅަ ލިބުމުގެ ކުރިން ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަަ ހާފްގައި ދެ ޓީމުން ވެެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ޕޮލެންޑުގެ ކަމިލް ގްރޮސިކީ ދިން ބޯޅަ އަކުން ޖަރުމަނު އޭރިއާ ތެރޭގައި ހުސްކޮށްހުރެ އާކަންޑޫސް މިލިޗް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާ ފަޔަށް ލައްވާލާ ގޮތެއްނުވި އެވެ.

އޭގެ 10 މިނިޓް ފަހުން ޕޮލެންޑް އޭރިއާ ތެރެއިން ޖަރުމަނުގެ މެސުޓް އޮޒިލް ފޮނުވާލި ބޯޅަ ޕޮލެންޑުގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. ފަބިއަންސްކީ މި މެޗުގައި ކުޅުނީ އެ ޓީމުގެ ކީޕަރު ވޯޝިއެކް ޝެޒްނީ އަށް އަނިޔާވުމާ ގުޅިގެންނެެވެ.

މި މެޗުގައި ޖަރުމަނުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރޯމް ބޯޓެން އާއި މެޓް ހަމެލްސް ވަނީ ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލެވަންޑޯސްކީ އަށް ޖަރުމަނު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.

މިރޭގެ ނަތީޖާއާ އެކު ޖަރުމަނާއި ޕޮލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއް މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.