ޕެރިސް، ފްރާންސް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ ޕޮލެންޑާއި ޖަރުމަނު ދެ ވަނަ ބުރުން ޖާގަ ހޯދި އިރު، ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ނޮދަން އަޔަލެންޑް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

ޖަރުމަނު ވަނީ 1-0 އިން ނޮދަން އަޔަލެންޑް ބަލިކޮށްފަ އެވެ. ޕޮލެންޑުން ޔޫކްރޭންގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ. ޖަރުމަނު ދެ ވަނަ ބުރަށް ދިޔައީ ގްރޫޕް އެއް ވަނައިގެ ގޮތުގަ އެވެ. އެއީ ދެ ވަނަ ދިޔަ ޕޮލެންޑާ އެއްވަރަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ލަނޑުން އެޓީމަށް ކުރި ލިބުމުންނެވެ. ނޮދަން އަޔަލެންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ލިބުމުގެ ފުރުސަތު ބޮޑެވެ. އެއީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިގެންނެވެ.

މިރޭގެ މެޗުގެ ކޮންޓްރޯލްކޮށް ޖަރުމަން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މި މެޗުގައި ފެނިގެންދިިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ޖަރުމަނަށް ކާމިޔާބުކުރީ ތަޖުރިބާކާރު ފޯވާޑް މާރިއޯ ގޯމޭޒެވެ.

މި މެޗުގައި ނޮދަން އަޔަލެންޑް ކީޕަރު މައިކަލް މެކްގޮވަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ޖަރުމަނުން ފޮނުވާލި ގިނަ ބޯޅަތަކެއް އޭނާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ނޮދަން އަޔަލެންޑްގެ ހުނަރުވެރި ފޯވާޑް ކައިލް ލެފާޓީ ކުޅެން އެރުވި ނަަމަވެސް ޖަރުމަނުގެ ޑިފެންޑަރުން ކައިރީގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މިރޭގެ މެޗާ އެކު ޖަރުމަނުން ވަނީ ނޮދަން އަޔަލެންޑާ ދެކޮޅަށް ކުޅުނު 15 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެފަ އެވެ.

މިރޭ ކުޅުނު އަނެއް މެޗުގައި ޔޫކްރޭން ކޮޅަށް ޕޮލެންޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓްގައި ކޫބާ ޔަކުބުލޯވްސްކީ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ޕޮލެންޑް ބައްދަލުކުރާނީ ގްރޫޕް އޭގެ ދެ ވަނަ އަށް ދިޔަ ސްވިޒަލެންޑާ ދެކޮޅަށެވެ. ޖަރުމަނު ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ އަލްބޭނިއާ އާއި ސްލޮވާކިއާ ނޫނީ ގްރޫޕް އެފްގެ ތިން ވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކާ އެވެ. ގްރޫޕް އެފްގެ ތިން ވަނައިގައި މި ވަގުތު އޮތީ ޕޯޗުގަލް އެވެ.