ވެޓަރަންސް ނުވަތަ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތް، "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޗެމްޕިއަންޝިޕް" އަންނަ އަހަރު ވ. ކެޔޮދޫގައި  ބާއްވަން އިއުލާންކޮށްފި އެވެ.

ޓީޓީއަށް ހާއްސަ އެކަޑަމީއެއް ކަމަށްވާ "އިހާ" އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ، މި މުބާރާތް މިހާރު ވަނީ ލޯންޗުކޮށްފަ އެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު 1-5 އަށް، ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 40 އަހަރުންމަތީގެ ކުރީގެ ކުޅުންތެރިންނަށެވެ. މިދިޔަ އަހަރު ތައާރަފް ކުރި އިންޓަނޭޝަނަލް މި މުބާރާތުގެ ފުރަތަމަ އެޑިޝަން ބާއްވާފައި ވަނީ އއ. ތޮއްޑޫގަ އެވެ.  

އިހާ އެކަޑަމީގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ޓީޓީ ލެޖެންޑް ސިވީޑް އަހްމަދު ލަތީފް --- ފޮޓޯ: އިހާ
އިހާ އެކަޑަމީގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ޓީޓީ ލެޖެންޑް ސިވީޑް އަހްމަދު ލަތީފް --- ފޮޓޯ: އިހާ

އެ ފަހަރު މުބާރާތުގައި 10 ގައުމަކުން 85 ކުޅުންތެރިން ބައިވެރިވި އެވެ.

ދެވަނަ އެޑިޝަންގެ މުބާރާތް ލޯންޗުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ނިއުޝާދު މުޙައްމަދެވެ. އަދި މުބާރާތް އިއުލާންކުރައްވައި ވާހަކަފުޅު ދެއްކެވީ ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފެވެ. މި ރަސްމިއްޔާތުގައި ދާއިރާއާއި ރަށުގެ މުހިއްމު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ އަހަރު ކެޔޮދޫގައި ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް މާސްޓާސް ޗެމްޕިއަންޝިޕް ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިހާ

އަންނަ އަހަރުގެ މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެކަމަށް "އިހާ" އިން ލަފާ ކުރެ އެވެ.

އެ އެކަޑަމީން އިން ބުނީ އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށާއި ކެޔޮދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. 

މޯލްޑިވްސް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް މާސްޓާސް ޗެމްޕިއަންޝިޕް، ތޮއްޑޫގައި ބޭއްވުމަށް އެ ރަށު ކައުންސިލާއި އިހާ އެކަޑަމީއާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިހާ
މޯލްޑިވްސް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް މާސްޓާސް ޗެމްޕިއަންޝިޕް، ތޮއްޑޫގައި ބޭއްވުމަށް އެ ރަށު ކައުންސިލާއި އިހާ އެކަޑަމީއާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިހާ

މި މުބާރާތުގެ ސަބަބުން ރަށުގެ އާބާދީއަށާއި ލޯކަލް ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެތީ، އެ އަތޮޅުގެ ގެސްޓްހައުސްތަކުގެ ވެރިން ވަނީ އެކަމާ މެދު ހިތްހަމަޖެހުން ފާޅުކުރިކަމަށް، "އިހާ" އިން ބުންޏެވެ.