ބްރެޒިލްގައި ކުޅުނު 20 އަހަރުން ދަށުގެ ފުޓްބޯޅަ މެޗެއްގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ، 51 ރަތްކާޑު ދައްކައިފި އެވެ.
މިއީ ފުޓްބޯޅައިގެ ތާރީހުގައި އެއް މެޗެއްގައި އެންމެ ގިނައިން ރަތްކާޑު ދެއްކި މެޗެވެ. ކުރިން މި ރެކޯޑް އޮތީ 2011 ވަނަ އަހަރު އާޖެންޓީނާގެ ފަސް ވަނަ ޑިވިޝަނުގައި ކްލަބް އެތުލެޓިކޯ ކްލޭޕޯލް އާއި ވިކްޓޯރިއާނޯ އަރީނާސް ބައްދަލުކުރި މެޗުގަ އެވެ. އެ ފަހަރު ދެއްކީ 36 ރަތްކާޑެވެ.
މިނާސް ގެރައިސް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އުބެރްލާންޑިއާ އާއި މާމޯރޭ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރަތްކާޑު ދައްކާ 43 ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ 8 މެންބަރަކު ދަނޑުން ފޮނުވާލި އެވެ.
ރެފްރީގެ ރިޕޯޓުގައިވާ ގޮތުން، މާރާމާރީ ހިނގަން މެދުވެރިވީ މެޗުގެ ދެ ވަނަ ހާފުގައި މާމޯރޭއިން 3-1 އިން ކުރިހޯދި ލަނޑަށް ފަހު، އެ ޓީމުގެ ކުޅުންތެރިޔަކު އިދިކޮޅު ބެންޗާ ދިމާލަށް ފުރައްސާކޮށް އުފާފާޅުކުރުމުންނެވެ.
މި މާރާމާރީއާ ގުޅިގެން އުފެދުނު ހަމަނުޖެހުމުގައި ސަޕޯޓަރުން ވެގެން ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. ފަހުން ސެކިއުރިޓީ ބެލެހެއްޓީ މިލިޓަރީ ޕޮލިސް ގެނެސްގެންނެވެ.
އެއާ އެކު ރެފްރީ މެޗު ސަސްޕެންޑްކޮށް ގާތްގަނޑަކަށް 40 މިނެޓު މަޑުކުރި އެވެ. އެކަމަކު މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މެޗު ހުއްޓާލީ އެވެ.
ގިނަ އަދަދެއްގެ ރެޑް ކާޑު ދެއްކުމުގެ ސަބަބުން މާމޯރޭ ޓީމުގައި ސެމީ ފައިނަލްގެ ދެ ވަނަ ލެގު ކުޅެން ތިބީ އެންމެ ހަތް ކުޅުންތެރިންނެވެ. އެހެންވެ އުބެރްލާންޑިއާއިން ވަނީ ދެ ވަނަ ލެގުގެ މެޗު ދޫކޮށްލުމަށް ނިންމައިފަ އެވެ.
އުބެރްލާންޑިއާއިން ބުނީ މިއީ ފެއާ ޕްލޭގެ އުސޫލުން މާމޯރޭއަށް ފައިނަލުގެ ޖާގަ ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، ދެން އެ ޓީމުން ސަމާލުކަން ދޭނީ ތިން ވަނަ ހޮވާ މެޗަށް ކަމަށެވެ.