ވޯލްޑް ކަޕް 2030 ގެ ފައިނަލް މެޗު ބާއްވަން މޮރޮކޯއަށް ފުރުސަތު ދީފިނަމަ، މުބާރާތް ބޭއްވުމާއި އިންތިޒާމުކުރުމުގެ ހައިސިއްޔަތު ސްޕޭނުން ދޫކޮށްލާނެކަމަށް، އެ ގައުމުގެ ބޮޑުވަޒީރުކަމަށް ކުރިމަތިލާ ކެނޑިޑޭޓަކު ބުނެފި އެވެ.
ހަތަރު އަހަރު ފަހުން ބާއްވާ، އެ މުބާރާތް، ބާއްވަނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެންނެވެ. އެ އަހަރަކީ ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ އަހަރުކަމަށް ވާތީ، އެ މުބާރާތުގެ މެޗުތަކެއް އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގައި ބޭއްވުމަށް ވެސް ފީފާއިން ވަނީ ނިންމާފަ އެވެ.
އެކަމަކު މުބާރާތުގެ މައިގަނޑު އިވެންޓްތައް ބާއްވާނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯގަ އެވެ. ވޯލްޑް ކަޕް ފައިނަލް މެޗު ވެސް ކުޅޭނީ އެ ތިން ގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގަ އެވެ.
ސްޕެއިންގެ އިދިކޮޅު ޕާޓީ، ޕާޓި ޑޯ ޕޮޕިއުލާ (ޕީޕީ) ލީޑަރުކަން ވެސް ކުރައްވާ އަލްބާޓޯ ނޫނޭޒް ފެއިހޯ ބުނީ އޭނާއަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ ފައިނަލް މެޗު މޮރޮކޯއަށް ދޭން ނިންމާ ހާލަތެއްގައި ސްޕެއިންގައި މުބާރާތުގެ މެޗުތައް ބޭއްވުމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
"ފައިނަލް މެޗު ބާއްވަން ޖެހޭނީ އެންމެ އިންސާފުވެރި، އެންމެ އެކަށީގެންވާ އަދި އެއްވެސް ޝައްކެއްނެތް ތަނެއްގައި. އެއީ ސްޕެއިންގައި،" ސްޕެއިންގެ ޓީވީ ޗޯއެއްގައި ވާހަކަ ދައްކަމުން ފެއިހޯ ބުންޏެވެ.
އޭނާ ބުނީ އަންނަ އަހަރު ވޯލްޑް ކަޕް ބާއްވާ މައި ބައިވެރިންނަކީ ސްޕެއިން އާއި ޕޯޗުގަލް ކަމަށެވެ. އޭނާ ބުނީ މޮރޮކޯއަކީ ދަލު ބޭރުން ޖެހުނު ގައުމެއް ކަމަށެވެ.
ވޯލްޑް ކަޕްގެ ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަކީ ސްޕެއިންކަމަށް ވުމުން، ދެން އަންނަ މުބާރާތުގެ ފައިނަލް މެޗު ބާއްވަން އެންމެ ހައްގު ވަނީ ސްޕެއިން ކަމަށް އޭނާ ބުންޏެވެ.
"އާނ. ސްޕެއިން އަށް ފައިނަލް މެޗު ނުލިބޭނަމަ. މުބާރާތް އިންތިޒާމުކުރުމުގައި ސްޕެއިން ބައިވެރިއެއް ނުވާނެ،" މުބާރާތުގެ ފައިނަލް މެޗު ސްޕެއިންއަށް ނުލިބޭނަމަ، މުބާރާތުން ވަކިވާނަންތޯ އެހުމުން ފެއިހޯ ބުންޏެވެ.
މުބާރާތުގެ މެޗުތައް ސްޕެއިންގެ 11 ދަނޑެއްގައި، މޮރޮކޯގެ ހަ ދަނޑެއްގައި އަދި ޕޯޗުގަލްގެ ތިން ދަނޑެއްގައި ކުޅެން ވަނީ ނިންމައިފަ އެވެ. އަދި އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގެ ތެރެއިން، ކޮންމެ ގައުމެއްގައި އެއް މެޗު ކުޅޭނެ އެވެ.
ނަމަވެސް ސްޕެއިން އާއި މޮރޮކޯ އަދި ޕޯޗުގަލްގެ ތެރެއިން ފައިނަލް މެޗު ބާއްވާނެ ދަނޑެއް ފީފާއިން އިއުލާނެއް ނުކުރެ އެވެ.
ފައިނަލް މެޗު ބޭއްވުމުގެ ރޭހަށް ވަނުމަށް މޮރޮކޯއިން ވެސް ދަނީ ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެ ގައުމުގެ ކަސަބްލަންކާގައި އަލަށް ހަދާ 115،000 މީހުންގެ ޖާގައިގެ މުޅިން އާ ސްޓޭޑިއަމެއް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފައިނަލް މެޗު ބާއްވަން ސްޕެއިންގެ ޕެކޭޖްގައި އެ ގައުމުގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ، ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއު އަދި ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމް ހިމެނެ އެވެ.