ޗައިނާގެ ނިންގްޝިއާގެ އިންޗުއާންގައި ކުރިއަށްދިޔަ ސީއެފްއޭ ފުޓްސަލް އިންޓަނޭޝަނަލް މުބާރާތުގެ ތަށި ޗައިނާއިން ހޯދައިފި އެވެ.
ޗައިނާއިން މުބާރާތުގެ ތަށި ކަށަވަރުކުރީ ފަހު މެޗުގައި ރާއްޖޭގެ މައްޗަށް 8-3 އިން ކުރިހޯދައިގެންނެވެ.
ހަތަރު ޓީމު ވާދަކުރި މުބާރާތުގައި ޗައިނާއިން ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ހޮންކޮންގެ މައްޗަށް ކުރީ ހޯދީ 4-0 ންނެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 6-2 ންނެވެ.
ދެކުނު ކޮރެއާއިން ވަނީ ދެވަނަ ހޯދާފަ އެވެ. ޗައިނާއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި އަނެއް ދެ މެޗު ވެސް އެ ޓީމުން ކާމިޔާބު ކުރި އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 5-1 ންނެވެ. އިއްޔެ ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 10-2 ންނެވެ.
ރާއްޖޭން ތިންވަނަ ހޯދީ ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ރާއްޖެ މޮޅުވީ 7-0 ންނެވެ. މުޅި މުބާރާތުގައި ރާއްޖެ ކޮޅަށް 13 ލަނޑު ވަނެވެ. ރާއްޖޭން ވަނީ 11 ލަނޑު ޖަހައިފަ އެވެ.