ޗައިނާގައި ކުރިއަށްދާ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި، ހޮންކޮންގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބު ހޯދައިފި އެވެ.

ޗައިނާގެ އިންޗުއާން ޖިމްނޭޒިއަމްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އަތުން ކުރިމަތވި ނާކާމިޔާބީގެ ހަނދާންތައް ފޮހެލައި، މިއަދު ހޮންކޮންއާ ދެކޮޅަށް ރާއްޖޭޏް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މި އަހަރު ބޭއްވި ދެކުނު އޭޝިއާގެ ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒާކިރޯވްގެ ޓެކްޓިކަލް ބަދަލުތަކާ އެކު ރާއްޖޭގެ ޓީމުން ވަނީ މެޗުގެ ފެށުނީއްސުރެ ގޭމް ކޮންޓްރޯލްކޮށް، މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

ރާއްޖޭގެ ހަމަލާތައް ވަރުގަދަކޮށް ފެނުނު މި މެޗުގެ ހަތްވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދައި ދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މީގެއިތުރުން، ގައުމީ ޓީމަށް ކުޅެދޭ ފުރަތަމަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު މުޙައްމަދު ސާދު ނިޒާރު ވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި ޝަނާން ރަޝާދު ވެސް ދެ ލަނޑު ޖެހި އެވެ. 

ރާއްޖޭގެ ހަތްވަނަ ލަނޑަކީ މެޗުގެ ފަހުކޮޅު ހޮންކޮންގް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބުރާސްފަތި ދުވަހު ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވީ 5-1 ންނެވެ. އެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ ސާދު އެވެ.  އެ ލަނޑާ އެކު ރާއްޖޭން އެ މެޗުގައި ލީޑް ނެގި ނަމަވެސް ފަހަތުން އަރައި ދެކުނު ކޮރެއާއިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހި އެވެ.  

މުބާރާތް ބާއްވާ ޗައިނާއިން މުބާރާތް ހުޅުވި މެޗުގައި ހޮންކޮންގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ. މިހާރު ތާވަލުގެ ކުރީގައި އޮތް ތިން ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ތާވަލުގެ އެއްވަނައިގައި ފައިދާ ހަތަރު ގޯލާ އެކު އޮތީ ކޮރެއާ އެވެ. ދެވަނައިގައި ކޮރެއާއާ އެއްވަރަށް ފައިދާ ގޯލް ހޯދައިގެން ދެވަނައިގައި އޮތީ ޗައިނާ އެވެ. ޗައިނާގެ ކޮޅަށް އަދި މިހާތަނަށް ގޯލެއް ނުވަނަސް، އެ ޓީމު ޖެހި ލަނޑުގެ އަދަދު ކޮރެއާ އަށް ވުރެ މަދެވެ. ރާއްޖެ އޮތީ ދެ މެޗުން ތިން ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކު ތިންވަނައިގަ އެވެ. ތާވަލުގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވި ހޮންކޮން އެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޗައިނާއާ ދެކޮޅަށެވެ.