މޮނާކޯގައި މިއަދު ބާއްވާ މެންޗެސްޓާ ޔުނައިޓެޑުގެ ސީނިއާ މެނޭޖްމަންޓުގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު މައިކަލް ކެރިކުގެ މުސްތަގުބަލާ ގުޅޭ ނިންމުންތައް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ކްލަބުގެ ހާލަތު ބަދަލުކުރުމާ ގުޅޭގޮތުން ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވާނީ ކްލަބުގެ ކޯ-އޯނަރު ޖިމް ރެޓްކްލިފް އާއި ޗީފް އެގްޒެކެޓިވް އުމަރު ބެރާޑާ އާއި ޑިރެކްޓާ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް އެވެ.

ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ކެރިކާ ޓީމު ހަވާލުކުރީ ރުބެން އަމޯރިމްއާއެކު ނަތީޖާ ދަށްވުމުން މިދިޔަ ސީޒަނުގެ ވަކި ހިސާބަކުންނެވެ. ކެރިކް ހަވާލުވެ ނަތީޖާ ރަނގަޅުކުރުމުން ދާއިމީ ކޯޗުގެ މަގާމު ދިނީ އެވެ. އެކަމަކު މި ސީޒަނުގައި އޭނާއަށް އެ ނަތީޖާ ތަކުރާރެއް ނުކުރެވުނެވެ. ލީގުގައި ކުޅުނު 10 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި ފުލުން ތިން ވަނައިގަ އެވެ

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ ކެރިކް ވަކިކުރަން ނިންމައިފަ އެވެ. އެކަމަކު އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި އެކަމާމެދު ގޮތެއް ނިންމާނީ މިއަދުގެ ބައްދަލުވުމުގަ އެވެ. އަދި ބެރާޑާ އާއި ވިލްކޮކްސް ލަފާދޭނީ އޭނާ ވަކިކުރަން ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ކެރިކުގެ ބަދަލުގައި ގެންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައި އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ޖަރުމަނުގެ ކުރީގެ ކޯޗު ޖޫލިއަން ނާގަލްސްމަން އާއި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ހިމެނެ އެވެ. މީގެ އިތުރުން ނިއުކާސަލްގެ ކުރީގެ ކޯޗު އެޑީ ހޯ އާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓް ވެސް ލިސްޓުގައި ހިމެނެ އެވެ.

މިއީ އިންޓަނޭޝަނަލް ބްރޭކްކަމުން ޔުނައިޓެޑުން އާ ކޯޗެއް ގެނެސްފިނަމަ، ލީގު ފެށުމުގެ ކުރިން ތަމްރީންތައް ކުރިއަށް ގެންދަން ހަފުތާއެއްހާ މުއްދަތު ލިބޭނެ އެވެ.

އެލެކްސް ފާގަސަން 2013 ވަނަ އަހަރު ޔުނައިޓެޑުން ވަކިވިފަހުން އެ ޓީމު އަދިވެސް ކުރީގެ ފެންވަރަށް ނުދެ އެވެ. މޮޅު ކޯޗުން ގެނެސްގެންވެސް ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާއެއް ނުނެރެވެ އެވެ.