ފުޓްސަލްއަށް ހާއްސަ ރާއްޖޭގެ ފުރަތަމަ އިންޑޯ އެރީނާގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ހުޅުމާލެ ތިނެއްގައި ހަދާ މި އިންޑޯ އެރީނާގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް 700 ދުވަހު (ގާތްގަނޑަކަށް ދެ އަހަރު) ގެ ތެރޭ ނިންމަން ޖެހޭގޮތަށް ހަވާލުކުރީ ލިއޯ ޓްރޭޑިން ކުންފުންޏާ އެވެ.
އެ މިނިސްޓްރީން ބުނީ އިންޑޯ ފުޓްސަލް އެރީނާގައި ފީފާގެ މިންގަނޑަށް ފެތޭ ފަސް ކޯޓު ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ގްރައުންޑް ފްލޯގައި އޮންނަ މަލްޓި ސްޕޯޓްސް މެޗު ޕިޗަކާއި ތަމްރީނުތަކަށް ހާއްސަ ހަތަރު ޕްރެކްޓިސް ޕިޗު ހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރަސްމީ މެޗުތައް ކުޅޭ މައި ކޯޓުގައި ހަދާ ސަޕޯޓަރުންގެ ޖާގައިގައި އެއްފަހަރާ 900 މީހުންނަށް ތިބެވޭ ސީޓިން ކެޕޭސިޓީ ހިމެނޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައި ވެ އެވެ.
ސަޕޯޓަރުންގެ ސްޓޭންޑްގެ އިތުރުން ޓިކެޓް ކައުންޓަރުތަކާއި ކޮފީ އާއި ލުއިބުއިންތަކާއި ކެއުންތައް ވިއްކާ ސްޓޭންޑްތައް ހުންނާނެ ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓްގައި ވާ މައުލޫމާތުތަކުގައި ބުންޏެވެ. އެރީނާގެ ދެވަނަ ފަންގިފިލާގައި ވީއައިޕީ ލައުންޖަކާއި ކޯޕަރޭޓް އަށް ބޮކްސް ވެސް ހިމެނޭނެ އެވެ.
ފުޓްސަލްއަކީ ރާއްޖޭގައި މިހާރު އެންމެ ގިނަ ޒުވާނުން ކުޅޭ ގޭމެވެ. އެންމެ ގިނަ މުބާރާތްތައް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަނީ ފުޓްސަލްއަށް ހާއްސަކޮށެވެ. އެކަމަކު މިހާތަނަށް ވެސް ރާއްޖޭގައި ފުޓްސަލް މުބާރާތްތައް ބޭއްވޭނެ އިންޑޯއެއް ނެތެވެ. ހުރިހާ މުބާރާތެއް ބާއްވަމުން އަންނަނީ ޓާފް ވިނަ އަޅާފައިވާ އައުޓްޑޯ ދަނޑުތަކުގަ އެވެ.
ފީފާގެ މިންގަޑުގައި ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ.
މިނިސްޓަރު ރާފިއު ވެސް ވިދާޅުވީ ފުޓްސަލްއަކީ ރާއްޖޭގައި ވެސް މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރު ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ރާއްޖެން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަކަން މިނިސްޓްރު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންޑޯ އެރީނާއާއެކު ފުޓްސަލުން އިތުރު ކާމިޔާބުތައް ހޯދުމަށް މަގުފަހިވާނެ އެވެ.
ހުޅުމާލެ 1 ގައި ހަދާ ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް ވެސް ރާފިއު އިއްޔެ ވަނީ ފައްޓަވައި ދެއްވައިފަ އެވެ. ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިމުގައި ހަދާ ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރީ ވަނީ ޖިއޯ ވޭވް ކުންފުންޏާ އެވެ.
ނެޓްބޯލް ކޮމްޕްލެކްސްގައި ވެސް ފަސް ޕިޗު ހިމެނޭނެ ކަމަށް ސްޕޯޓް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހަތަރު ޕްރެކްޓިސް ޕިޗާއި މަލްޓި ސްޕޯޓްސްއަށް ބޭނުން ކުރެވޭނެ އެއް މެޗު ޕިޗު ހިމެނެ އެވެ. މި ކޮމްޕްލެކްސްގައި ކެފޭތަކާއި ޗޭންޖިން ރޫމްތަކުގެ އިތުރުން ޖިމެއް ވެސް ގާއިމުކުރާނެ އެވެ.
ރާފިއު ވިދާޅުވީ މި ސަރުކާރުގެ ކުޅިވަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މެދުރާސްތާގެ އަމާޒު ކަމަށްވާ، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ވެސް އިންޑޯ ފުޓްސަލް އެރީނާ ނެޓްބޯޅަ ކޮމްޕްލެކްސްއާ އެކު، ހާސިލް ވުމުގެ އުންމީދު ބޮޑު ކަމަށެވެ.