އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ޗެއާމަންގެ މަގާމަށް ދެވަނަ ދައުރަކަށް އިންޑިއާގެ ޖޭ ޝާހް އިންތިހާބުކޮށްފި އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހްގެ ހަމައެކަނި ދަރިކަލުން، ޖޭ ޝާހާ، ވާދަކުރައްވާނެ އެހެން ކެންޑިޑޭޓަކު ނުވި އެވެ. އެހެންވެ ދުނިޔޭގެ ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރުގެ މައި އިދާރާގެ ރައީސްކަމަށް އަލުން އޭނާ ހޮވިވަޑައިގެންނެވީ އިންތިހާބަކާ ނުލަ އެވެ.
އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި އައިސީސީ ބައްދަލުވުމުގައި، އޭނާގެ ދެވަނަ ދައުރު ފައްޓަވަމުން އުމުރުން 38 އަހަރުގެ ޖޭ ޝާހް ވިދާޅުވީ ދެވަނަ ފަހަރަށް އައިސީސީގެ ރައީސްގެ ގޮތުގައި ކްރިކެޓަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.
"އައިސީސީގެ ޗެއާމަންގެ ގޮތުގައި ހިދުމަތްކުރުމަކީ ޝަރަފެއްގެ އިތުރުން ބޮޑު ޒިންމާއެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރިކެޓް ކުރިއެރުވުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި އަހަރެން ދެމިހުންނާނަން،" ޖޭ ޝާހް ވިދާޅުވި އެވެ.
އައިސީސީގެ ރައީސްކަމަށް އޭނާ އެންމެ ފުރަތަމަ އިންތިހާބު ކުރީ އޯގަސްޓް 2024 ގަ އެވެ. އޭރު އުމުރުން 35 އަހަރުގައި އެ މަގާމަށް އިންތިހާބުވި ޖޭޝާހަކީ، އައިސީސީގެ ލީޑާޝިޕް ބަލަހައްޓަވާ ކުރައްވާ އެންމެ ޒުވާން ޗެއާމަނެވެ. އޭގެ ކުރިން އޭނާ ވަނީ އައިސީސީގެ ފައިނޭންސް، ކޮމާޝަލް އެފެއާޒް ކޮމިޓީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އައީސީސީގެ ރައީސްގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ. އެކަކަށް މަގާމު އަދާކުރެވޭނީ ތިން ދައުރުގަ އެވެ.
ޖޭ ޝާހް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަކީ ކްރިކެޓްގެ ތާރީހުގައި ކުރިމަތިލާނެ އެންމެ މުހިންމު ދުވަސްތައް ކަމަށެވެ. އެމެރިކާގެ ލޮސްއެންޖަލިސްގައި 2028 ބާއްވާ އޮލިމްޕިކްސް ގޭމްސްއިން ފެށިގެން ކްރިކެޓް އަލުން އޮލިމްޕިކްސްގައި ހިމަނާތީ އެ ކުޅިވަރަށް އިތުރު މަގުބޫލުކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެން މި ވަންނަނީ ކްރިކެޓްގެ ތާރީހުގައި ވެސް އެންމެ މުހިންމު އަދި އެންމެ ފޯރިގަދަ އެއް ދުވަސްވަރަށް. ދެހާސް އަށާވީހުގެ އޮލިމްޕިކްސްގައި ކްރިކެޓް ހިމެނުމަކީ އާ ބެލުންތެރިންނަށް މި ކުޅިވަރު ތައާރަފުކޮށް އާ ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ހިތްވަރު ދިނުމަށް ލިބޭ އާދަޔާހިލާފު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
ބާލީގައި ބޭއްވި ބައްދަލުވުންތަކުގައި ވަނީ 2031 ވަނަ އަހަރާ ހަމައަށް ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނުވަ ޓީމުގެ މުބާރާތެއްގެ ގޮތުގައިކަން ކަނޑައަޅާފަ އެވެ. މީގެ އިތުރުން، އޮލިމްޕިކްސްގެ ކްރިކެޓް އިވެންޓަށް ޓީމުތައް ހޮވުމަށް ބާއްވާ ޓީ20 ކޮލިފަޔާސް ބަންގްލަދޭޝް އާއި އެމެރިކާގައި ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.