ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާ ކުރުމާ ގުޅިގެން ޕޯޗުގަލްއިން އޭނާއާ މެދު ކަންތައް ކުރީ ގޯސްކޮށް ކަމަށާއި، އެހެންވެ ޑެންމާކް އަތުން 4-1 އިން ޕޯޗުގަލް ބަލިވުމުން އުފާވި ކަމަށް ރޮނާލްޑޯގެ މަންމަ ޑޮލޯރެސް އަވޭރޯ ބުނެފި އެވެ.
ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާކުރީ ކޯޗު ޖޯޖް ޖީސަސްއާ މެދު އުފެދުނު ހިތްހަމަނުޖެހުމެއްގަ އެވެ. ރޮނާލްޑޯ އަށް ކުޅެން ފުރުސަތު ނުދިނުމުން އޭނާ ޓީމުގެ ކޭމްޕް ދޫކޮށް ދިއުމުން ފެޑެރޭޝަނުން އޭނާ ސަސްޕެންޑްކުރި އެވެ. ސަސްޕެންޝަނަށް ފަހު ވެސް ޖީސަސް އޭނާ ޓީމަށް ނުނެގުމުން ރިޓަޔާކުރީ އެވެ.
ނޭޝަންސް ލީގުގައި ޑެންމާކް އަތުން ޕޯޗުގަލް ބަލިވި މެޗަށް ފަހު ޑޮލޯރެސް ބުނީ ގައުމީ ޓީމުން އޭނާގެ ދަރިފުޅު ވަކިވި ހާލަތާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންވެ ޑެންމާކް އަތުން ޕޯޗުގަލް އަށް ލިބުނީ ހައްގު ނާކާމިޔާބެއް ކަމަށާއި، އެކަމާ އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
ޑޮލޯރެސް ވަނީ ޕޯޗުގަލް ކުޅުންތެރިން ރޮނާލްޑޯ އަށް އިހުތިރާމް ނުކުރާ ކަމަށް ވެސް ބުނެފަ އެވެ.
"އޭނާއަށް އެއްވެސް އިހުތިރާމެއް ނުކުރޭ، ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން ވެސް އިހުތިރާމެއް ނުލިބޭ،" އަވޭރޯ ބުންޏެވެ.
ޑެންމާކް މެޗަށް ޕޯޗުގަލް ކުޅުންތެރިން ނުކުތީ ރޮނާލްޑޯގެ ޝަރަފުގައި އޭނާގެ ހަތް ނަމްބަރު ޖާޒީގަ އެވެ. އަދި މެޗުގެ ހަތް ވަނަ މިނެޓުގައި ސަޕޯޓަރުން އަތްތިލަބަޑި ޖަހައި، ސްޓޭޑިއަމްގެ ތެރޭގައި ރޮނާލްޑޯ އަށް ޝުކުރުގެ މެސެޖެއް ދައްކާލި އެވެ.
އެކަމަކު ޑޮލޯރެސް ބުނީ ރޮނާލްޑޯގެ ހިދުމަތް ވަޒަންކުރަން ޖެހޭނީ އޭނާގެ ހާޒިރުގައި ކަމަށާއި، އޭނާ ދަނޑުގައި ވެސް ނެތީސް އެ ކުރީ އެއްވެސް އަގެއް ނެތް ކަމެއް ކަމަށެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ޔޫރޯ އާއި ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ވޯލްޑް ކަޕުގައި ކާމިޔާބެއް ނުހޯދެ އެވެ.