ފްރާންސް ލީގުގައި ރޭ ނީސް އަތުން 3-2 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ޑިސާރޭ ޑޫއޭގެ ކަކުލަށް ސީރިއަސް ހާނިއްކައެއް ވެއްޖެ އެވެ.

ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ޔަގީނުން ވެސް ސީރިއަސް އަނިޔާއެއް ކަމަށާއި، އެކަމަކު ތަފްސީލު އެނގޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑޫއޭގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) ވަނީ ކަނޑައިގެން ގޮސްފަ އެވެ. މިފަދަ އަނިޔާތަކުން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އަހަރެއްހާ ދުވަސް ނަގަ އެވެ.

ޕީއެސްޖީގެ ހަމަ އެހާމެ މުހިއްމު އެހެން ކުޅުންތެރިއެއް ކަމަށްވާ ޖޯޖިއާގެ ކިވިޗާ ކްވަރަސްހޭލިއާގެ ކަކުލުގެ އޭސީއެލް ވެސް ވަނީ ދާދި ފަހުން އިރައިގެން ގޮސްފަ އެވެ.

އޮސްމާނޭ ޑެމްބެލޭގެ ފިޓްނަސް ވެސް އެހާ ރަނގަޅު ނޫން ދުވަސްވަރެއްގައި މުހިއްމު ދެ ކުޅުންތެރިޔަކަށް އަނިޔާވުމަކީ ޕީއެސްޖީ އަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ.

އެންރީކޭ ބުނީ ބުނީ އަނިޔާއަކީ ކުޅުމުގެ ބައެއް ކަމަށާއި އެކަން ޖެހޭނީ ގަބޫލުކުރަން ކަމަށެވެ.

"އަހަންނަށް ޔަގީން އޭނާ ރިކަވާވެގެން ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް،"

ޑޫއޭގެ ކަނާތު ފަޔަށް އަނިޔާވީ ނީސްގެ ކުޅުންތެރިއެއް ކައިރިން ދެމި ގަންނަން އުޅުނު ވަގުތު ނުއަތަށް ކަކޫ ލެނބިގެންނެވެ. އެ ވަގުތު ވީ ތަދާ އެކު އޭނާ ވަރަށް ބޮޑަށް ރުޔެވެ.

އުމުރުން 21 އަހަރުގެ ޑޫއޭ އަކީ މިދިޔަ ދެ ސީޒަނުގައި ޕީއެސްޖީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި މި ސީޒަނުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.