ރާއްޖެ އަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދައިދިން އުފާވެރި ހަނދާންތައް ކްރޮއޭޝިއާގެ ކޯޗު ޑްރަގޯ މަމިޗްގެ ހިތުގައި އަދިވެސް ހަރުލާފައިވެ އެވެ. އެކަމަކު އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނަން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ގޮވައިގެން ރާއްޖެ އައިސް މި ވަގުތު އޭނާ ވަނީ އެ ހަނދާންތަކާ ދުރުވެފަ އެވެ. ބޭނުންވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދާށެވެ.
މަމިޗް ބުނީ އޭނާ އަށް ރާއްޖެ އަށް ކުރިއެރުން ހޯދައިދެވުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކޯޗުގެ މަގާމުން ވަކިކުރި ނަމަވެސް ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދެވުމުން އުފާވި ކަމަށް ބުންޏެވެ.
"މިއަދު ފޭސްބުކުން އަހަންނަށް ފެނުނު ހަނދާނެއް ރައީސް ޔާމީންގެ ފޯނު ކޯލުގެ ވާހަކަ އަކީ އެއީ ޗެލެންޖް ކަޕް ފެށުމުގެ ކުރިން ރައީސް އަހަންނަށް ކުރި ކޯލުގެ ހަނދާންތައް. އަހަރެން އައިއިރު ރާއްޖެ އޮތީ ރޭންކިންގެ 163 ވަނައިގައި އަހަރެން ދިޔައިރު ޓީމު އޮތީ 130 ގައި. ރާއްޖެ އަކީ އޭރު އެންމެ ރަނގަޅު ކުރިއެރުން ހޯދި ޓީމު. އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމަކީ ރަނގަޅު ހާލަތެއްގައި އޮއްވައި ޓީމު ދޫކޮށްދާން ޖެހުމުން. އެއީ މެޗަކުން ބަލިވެގެން މަގާމުން ވަކިކުރުމަށް ވުރެން ރަނގަޅު ގޮތެއް،" ޗެލެންޖް ކަޕްގެ ހަނދާންތަކާ ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަމިޗް ބުންޏެވެ.
ފެބްރުއަރީ މަހު މަމިޗް އަބަހާނީއާ ހަވާލުވީ ޝެއިހް ކަމާލް ކަޕް ފެށެން ކުޑަތަން ވެފައި ވަނިކޮށެވެ. އެ މުބާރާތުގައި އެ ޓީމަށް މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. އެހެން ކަމުން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރަން މަމިޗް ނިިންމި އެވެ. އެހެން ނަމަވެސް އޭއެފްސީ ކަޕުގައި ކުޅުނު ފުރަތަމަ ތިން މެޗުން އަބަހާނީވީ ބައްޔެވެ. އެކަމަކު އެ ޓީމުން ވަނީ އެންމެ ފަހުން އަމިއްލަ ގައުމުގައި ކުޅުނު މެޗުން މިިދިޔަ އަހަރުގެ ރަނަރަޕް ބެންގަލޫރުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ.
"ބެންގަލޫރު ބަލިކުރުމަކީ ވަރަށް ބޮޑު ނަތީޖާއެއް. އަހަރެންނަށް ޓީމު އެކުލަވާލައިގެން މި މުބާރާތަށް ތައްޔާރުވާން ލިބުނީ މަދު ވަގުތެއް. އެކަމަކު އަހަރެން އެ ޝަކުވާ ކުރާކަށް ނެތިން. މި ޓީމު އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. ބެންގަލޫރު ބަލިކުރުމަކީ މާޒިޔާ އަށް ދިން ބޮޑު ހިތްހަމަ ޖެހުމެއް. އެކަމު މި މެޗަށް އަހަރެމެން ނުކުންނާނީ މާޒިޔާއާ ދެކޮޅަށް،" މަމިޗް ބުންޏެވެ.
އޭނާ ބުނީ އަބަހާނީގެ އިތުރުން މި ގްރޫޕުގައި އޮތް މާޒިޔާ އާއި ބެންގަލޫރު އަދި މޯހަން ބަގާން ތިން ޓީމަށް އެޑްވޭންޓޭޖެއް އޮތް ކަމަށެވެ.
"ބަންގްލަދޭޝްގެ ސީޒަން ފެށީ މީގެ ތިން ވަރަކަށް ދުވަސް ކުރިން. ރަނގަޅު މެޗުތަކެއް ނުލިބި ސީދާ އޭއެފްސީ ކަޕަށް މި ނުކުންނަން ޖެހެނީ. އެކަމަކު އެހެން ޓީމުތައް މެޗުތައް މި ކުޅެނީ ލީގު ކުޅެމުން އެެއީ އެ ޓީމުތަކަށް އޮތް އެޑްވާންޓޭޖެއް. މިއީ އަހަރެމެންނަށް އެ ގޮތުން ބަލާއިރު މެޗުތައް ކުޅެން އޮތް ގޮންޖެހުމެއް،" މަމިޗް ބުންޏެވެ.
އަބަހާނީ އަތުން މާޒިޔާ ވަނީ ޑާކާގައި ކުޅުނު މެޗުން 2-0 އިން މޮޅުވެފަ އެވެ. މަމިޗް ބުނީ އޭނާ ރާއްޖޭގައި ހުރިއިރު މާޒިޔާއާ ގާތްގުޅުމެއް އޮތް ކަމަށެވެ.
"ރާއްޖޭގައި ހުރިއިރު އެހެން ކްލަބްތަށް މިސާލަކަށް ނިއު ރޭޑިއަންޓަށް ވުރެން ބޮޑަށް މާޒިޔާއާ ގާތްގުޅުމެއް އޮތް. އެމީހުން އަހާ ޓީމަށް ރަނގަޅު ގޮތް ހޯދަން އަހަރެންގެ ލަފާ. އޭރު ވެސް އަހަރެން ބުނިން ބޭނުންވަނީ ދިގު ކީޕަރަކާއި ދިގު ޑިފެންޑަރެކޭ. މިހާރު އެ އޮތީ އެ ގޮތަށް އޮތް ސެލެކްޝަނެއް. ނަތީޖާ ވެސް އެހާ ރަނގަޅަށް މާޒިޔާ އަށް އެދަނީ،" އޭނާ ބުންޏެވެ.
އޭއެފްސީ ކަޕް ފަދަ އޭޝިއާގައި އޮންނަ މުބާރާތްތަކުގައި ޓީމުތަކަށް ތަފާތު ގެންނަނީ ބިދޭސީ ކުޅުންތެރިންގެ ކަމަށާއި މާޒިޔާގައި ބިދޭސީ ކުޅުންތެރިންގެ އިތުރުން ރަނގަޅު ދިވެހި ކުޅުންތެރިން ވެސް ތިބިކަން މަމިޗް ފާހަގަކުރެ އެވެ.
"އޭޝިއާ ޓީމުތަށް ކުޅޭ މެޗުތައް ޑިސައިޑް ކުރަނީ ބިދޭސީ ކުޅުންތެރިން. އުމެއިރު އާއި އަސަދުﷲ އަކީ މި ސަރަހައްދަށް ބަލާއިރު ވަރަށް ރަނގަޅު ކުޅުންތެރިން. ޖުމްލަކޮށް ބަލާއިރު މާޒިޔާގެ ހުރިހާ ދިވެހި ކުޅުންތެރިން މޮޅު،" މަމިޗް ބުންޏެވެ.
މަމިޗް ވަނީ މެޗުގެ ކުރިން އިންތިޒާމްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"އަހަރެމެން މާލެ އައިސް އެއާޕޯޓުގައި ހަތަރު ގަޑިއިރު ވަންދެން މަޑުކުރަން ޖެހުނު. ކުޅުންތެރިންގެ ވިސާ މައްސަލަ ޖެހިގެން މަޑުކުރަން ޖެހުނީ. އެކަމަކު މިއީ ރަސްމީ ކަމެއް އޭއެފްސީ ކަޕް ކަހަލަ މުބާރާތެއްގައި މި ފަދަ އިންތިޒާމް ހުންނަން ޖެހޭނީ ހަމަޖެހިފައި. އަހަރެމެންގެ ޓީމުގައި މިތިބީ ގައުމެއްގެ އެމްބެސަޑަރުން. ގައުމީ ޓީމުގެ ކުޅުންތެރިން މި ކުޅުންތެރިންނަށް ރަނގަޅަށް ކަންތައް ކުރަން ޖެހޭ،" ރުޅިގަފަވެފައި ހުރި މަމިޗް ބުންޏެވެ.
"މި ކަންތައް އޭއެފްސީ އާއި ފީފާ ގަވައިދުތަކުގެ ތެރޭގައި ހިމެނިގެން ރަނގަޅު ކުރަން ޖެހޭ. މިއީ އަހަރެން ހުރިހާ ޓީމެއްގެ ހައްގުގައި ދައްކާ ވާހަކައެއް." އޭނާ ބުންޏެވެ.
ހުރިހާ ކަމެއް ވެސް ރަނގަޅަށް ހުރުމަކީ ކުޅުންތެރިންނަށް މެޗަށް ނުކުންނައިރު ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި އެކަން އެ ގޮތަށް ނުވުމުގެ ގޯސް އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަމިޗް ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ދިމާވީ ލިސްޓުގައި ނެތް ފަސް ކުޅުންތެރިއެއް ގޮވައިގެން އެ ޓީމު އައުމުންނެވެ.
މާޒިޔާ އާއި އަބަހާނީ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.