ކުރީގެ ފުޓްބޯޅަ ތަރިން މިއަދު އަލުން ދަނޑަށް

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މާދަމާ ފަށާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު 50 އަހަރުން މަތީގެ ކުޅުންތެރިންގެ ހާއްސަ މެޗެއް ކުޅޭނެ އެވެ.


ޓާފް ދަނޑުގައި މިއަދު ހަވީރު 5 ޖަހާއިރު ފަށާ މެޗުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނުންނާއި ކުރީގެ ޖީލުތަކުގެ އެންމެ މޮޅު ކުޅުންތެރިން ފެނިގެންދާނެ އެވެ.

އެގޮތުން ރާއްޖެ އަށް ފުޓްބޯޅައިން އެންމެ ފުރަތަމަ މެޑެއްޔެއް ހޯދައިދިން ކެޕްޓަން ކަމަށްވާ، 1984 ވަނަ އަހަރުގެ ސާފް ގޭމްސްގައި ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަން އިބްރާހިމް ނޫރައްދީނާއި 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދައިދިން ކެޕްޓަން މުހައްމަދު ކަލީމް ކުޅޭނެ އެވެ. އަދި އެ ފަހަރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އަދި ވިކްޓަރީ 1985 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރި އިރު ވެސް ގޯލް ބެލެހެއްޓި މައުރޫފް އަހުމަދު (މާއްޓޭ) ވެސް ފެންނާނެ އެވެ.

މީގެ އިތުރުން މި މެޗުގައި ކުޅޭ ކުރީގެ ތަރިންގެ ތެރޭގައި 70ގެ ތެރޭގައި ސ. ފޭދޫ ޑީއެންސީން ގައުމީ މުބާރާތުގައި ވިދާލިއިރު އެ ޓީމަށް ކުޅުނު އަބްދުﷲ މުފީދު (އުދުހޭ މުފީދު) އާއި ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) ހިމެނެ އެވެ. އަދި ވެލެންސިއާގެ މެދުތެރޭގައި 90ގެ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި އަދި ފަހުން ބާސްކެޓްބޯޅައިގައި ވެސް ވިދާލި އަބްދުﷲ އާމިރު (އައްލޯ) ވެސް މިއަދުގެ ހާއްސަ މެޗުގައި ކުޅޭނެ އެވެ.

"ފަންސާސް އަހަރުން މަތީގެ ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން މިއަދު ފެންނާނެ. ވަރަށް ހާއްސަ މެޗެއް މިއީ،" ވެޓްރަންސް ކަޕާއި މި މެޗު އިންތިޒާމްކުރާ ސޮކާ މޭޓްސްގެ އިސް މެމްބަރެއް ކަމަށްވާ އަލީ ސުޒޭން ބުންޏެވެ.

ކުޅުންތެރިން ދެ ޓީމަކަށް ބަހާލާފައިވާއިރު އެއް ޓީމަކީ ރަތް ޓީމެވެ. އަނެއް ޓީމަކީ ހުދު ޓީމެވެ.

ވެޓްރަންސް ކަޕް ފަށާނީ މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާގެ މެޗުންނެވެ.